އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަނީ އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އައްޑޫއަށް ގެންދިއުމަށް ނިންމައިފި އެވެ.

ފެނަކައިން މިއަދު ބުނި ގޮތުގައި މިއީ މިދިޔަ މަހު އައްޑޫއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކުރުމަށް ފަހު، އިތުރަށް ގެންދާ ޖަނަރޭޓަރެކެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ އިތުރުވެފައިވާ ދަނޑިވަޅެއްގައި މި ނިންމުން ނިންމީ އެވެ. ފެނަކައިން ބުނި ގޮތުގައި ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

"އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިހާރު މި ދަނީ ކުރަމުން،" ފެނަކައިގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ޑިޕާޓްމަންޓުން ބުންޏެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވާއިރު، މިހާރު ހިތަދޫގައި ބަހައްޓާފައިވާ 20 ޖަނަރޭޓަރުގެ ޖުމުލަ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. ނަމަވެސް ޖަނަރޭޓަރުތައް ހަލާކުވުމާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ކަރަންޓުގެ މައްސަލަ ބޮޑުވެފައިވެ އެވެ.

އިޝްތިހާރު އިޝްތިހާރު