ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބުގައި ޒޮހްރާން މަމްދާނީ ހޯއްދެވި ކާމިޔާބީއަށް، އޭނާ އުފަންވެވަޑައި ގެންނެވި ޔޫގަންޑާގައިވެސް އުފާފާޅުކުރަމުން އެބަ ގެންދެއެވެ.
ޚާއްސަކޮށް މަމްދާނީ އުފަންވެވަޑައި ގެންނެވި ކަމްޕާލާގެ ޒުވާނުންނެވެ، ސަބަބަކީ، އެމީހުން ދެކޭގޮތުގައި މަމްދާނީ ހޯއްދެވި ކާމިޔާބީއަކީ އެމީހުންވެސް ހިތްވަރު ލިބިގަންނަންޖެހޭ ކަމެކެވެ. ޔޫގަންޑާއަށްވެސް ބަދަލު ގެނައުމަށް ޒުވާނުން ނުކުތުމަށް ހިތްވަރު ލިބިގެންދާ ކަމެކެވެ.
ކަމްޕާލާގެ ޒުވާނުން ގެންދަނީ، އެކި ވަސީލަތްތައް މެދުވެރިކޮށް މަމްދާނީ ހޯއްދެވި ކާމިޔާބީއަށް އުފާފާޅުކޮށް ޝުއޫރުތައް ހާމަކުރަމުންނެވެ.
އެމީހުން ބުނަނީ، މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކެމްޕެއިންގައި މަމްދާނީ ނެންގެވި މައްސަލަތަކަކީ ޔޫގަންޑާއަށްވެސް ދިމާވެފައިވާ މައްސަލަތައް ކަމަށެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ވަޒީފާނެތުމާއި، އެކަށީގެންވާ ސިއްހީ ޚިދުމަތާއި، ތައުލީމާއި، ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ.
ޒޮހްރާން މަމްދާނީ އުފަންވެވަޑައި ގެންފައިވަނީ ޔޫގަންޑާގެ ކަމްޕާލާއަށެވެ.
މަމްދާނީގެ ބައްޕަ މަހްމޫދު މަމްދާނީއަކީ އިންޑިއާގެ މުމްބާއީއަށް އުފަން، އެކަމަކު ފަހުން ޔޫގަންޑާގެ ރައްޔިތެކެވެ.
މަހްމޫދު މަމްދާނީއަކީ ދުނިޔޭގެ އެންމެ ޝަރަފްވެރި އޮކްސްފޯޑް ޔުނިވަރސިޓީން ގުރެޖުއޭޓްވެވަޑައިގެން ހުންނެވި ޕްރޮފެސަރެކެވެ.
ޒޮހްރާން މަމްދާނީގެ މަންމަ މީރާ މަމްދާނީއަކީ އިންޑިއާގެ ޕަންޕާޖަށް އުފަން، މިހާރު އެމެރިކާގެ ރައްޔިތެކެވެ. މީރާ ނައިރްއަކީ ފިލްމު އުފައްދާ މީހެކެވެ. ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެކެވެ.
ޒޮހްރާން މަމްދާނީ، އޭނާގެ މަންމައާއި ބައްޕައާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ 1998 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 7 އަހަރެވެ. ޒޮހްރާން މަމްދާނީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ.
ޒޮހްރާން މަމްދާނީ އެމެރިކާގެ ފުރިހަމަ ރަށްވެއްސަކަށް ވެފައިވަނީ 2018 ވަނަ އަހަރުއެވެ.
2021 ވަނަ އަހަރުން ފެށިގެން އޭނާއަކީ ނިއުޔޯކް ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރެކެވެ. އޭނާ ތަމްސީލުކުރަނީ ބްރޫކްލީންއެވެ.
ނޮވެމްބަރު 4 ގައި ބޭއްވި ނިއުޔޯކް ސިޓީގެ މޭޔަރު ހޮވުމުގެ އިންތިޚާބު ކާމިޔާބު ކުރައްވައި، ޒޮހްރާން މަމްދާނީ މިވަނީ ތާރީޚްގެ ތެރެއަށް ވެދެވަޑައި ގެންފައެވެ.
ޒޮހްރާން މަމްދާނީގެ އުމުރަކީ 34 އަހަރެވެ. އޭނާ ވެވަޑައިގަންނަވާނީ ނިއުޔޯކް ސިޓީގެ ފާއިތުވެދިޔަ ގަރުނުގެ ތެރޭގައިވެސް މޭޔަރުކަން ކުރައްވާ އެންމެ ޒުވާން ބެފުޅާއަށެވެ. ހަމަ އެއާއެކު، ޒޮހްރާން މަމްދާނީ ވެވަޑައިގަންވާނީ އެ ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރަށެވެ.
އަންގާރަ ދުވަހުގެ އިންތިޚާބަކީ، 1969 ގެ ފަހުން، ނިއުޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިޚާބުގައި އެންމެ ގިނަ ބަޔަކު ވޯޓުލާން ނުކުތް ފަހަރަށްވެސް ވަނީ ވެގެން ގޮސްފައެވެ. ދެމިލިއަނަށްވުރެ ގިނަމީހުން އިންތިޚާބުގައި ވޯޓުލާފައި ވެއެވެ.
އެމެރިކާގެ އެންމެ ބައިބޯ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ހުވާ މަމްދާނީ ކުރައްވަނީ 1 ޖެނުއަރީ 2026 ގައެވެ.
ކިޔުންތެރިންގެ ހިޔާލު