މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި، އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާ ގުޅިގެން، މިއިން ޒަމާނަކު ކުރިމަތިނުވާހާ ބޮޑެތި ގޮންޖެހުންތަކަކާ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޢަތް ކުރިމަތިލާން ޖެހިފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުޙައްމަދު ޢަލީ ޖަނާހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ތަމްސީލުކުރާ މައި ޖަމްޢިއްޔާ ކަމަށްވާ މަސީއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ޙަފުލާގައި ވާހަކަދައްކަވަމުން ޖަނާހު ވިދާޅުވީ، ދުނިޔެއަށް ދިމާވާ ކޮންމެ ބޮޑު ކާރިސާއަކާއި އިޤްތިޞާދީ ހީނަރުކަމެއްގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އަސަރެއް ކުރާ އެއް ދާއިރާއަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކަމަށެވެ. އެގޮތުން 1990 ވަނަ އަހަރުގެ ގަލްފް ހަނގުރާމައާއި، 2004 ގެ ސުނާމީ ކާރިސާ އަދި 2008 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި މާލީ ކާރިސާގެ މިސާލު އޭނާ ދެއްކެވިއެވެ.

ޖަނާހު ފާހަގަކުރެއްވި ގޮތުގައި، ކޮންސްޓްރަކްޝަން ދާއިރާއަކީ ރާއްޖޭގެ މައި އިޤްތިޞާދު ކަމަށްވާ ފަތުރުވެރިކަމާ ސީދާ ގުޅިފައިވާ 'ފްރޮންޓްލައިން' އިންޑަސްޓްރީއެކެވެ. އެހެންކަމުން ޓޫރިޒަމަށް އަންނަ ކޮންމެ ކުރިއެރުމަކާއި ލޮޅުމެއްގެ ސީދާ އަސަރު މި ދާއިރާއަށް ކުރާ ކަމަށާއި، ނަމަވެސް މާޒީގައި ދިމާވި ހާދިސާތަކަށްވުރެ މިއަދު ދުނިޔެއަށާއި ރާއްޖޭގެ މި ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް މާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ދުނިޔޭގެ މަސްރަޙުގެ އިތުރުން، ރާއްޖޭގައި މިހާރު އޮތް ބޭރު ފައިސާ ލިބުމުގެ ދަތިކަމުގެ ސަބަބުންވެސް އިމާރާތްކުރުމުގެ ސިނާޢަތަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށް ޖަނާހު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މި ހުރިހާ ދަތިތަކާއެކުވެސް ދާއިރާގެ ވިޔަފާރިވެރިން ހިތްވަރާއެކު މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާތީ އެކަން އޭނާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ސަރުކާރުތަކުގެ ސަމާލުކަމަށް ގެނެސް، އެކަންކަމަށް އެކަށީގެންވާ ޙައްލުތައް ހޯދައިދިނުމަކީ މަސީ އުފެދުނީއްސުރެ މެދުކެނޑުމެއްނެތި ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، މިހާރުވެސް އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ޖަނާހު އިތުރަށް ވިދާޅުވިއެވެ.