ބްރެޒިލްގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާގެ ސަޕޯޓަރުން އުފާފާޅުކުރަން މަގުތަކަށް ނުކުމެ މުޅި ބްރެޒިލްގެ މަގުތައް ފުރާލައިފިއެވެ.
ބްރެޒިލްގެ އެކި ސިޓީތަކުގެ މަގުތަކަށް އެތައް މިލިއަން މީހުން ނުކުމެ އުފާފާޅުކުރަމުން އެބަ ގެންދެއެވެ.
ރައީސް ލޫލާ ނުކުމެވަޑައިގެންނެވީ ސައޮ ޕައޮލޯގެ މަގުތަކަށެވެ. އެ ސިޓީގެ މަގުތަކަށް އެކަނިވެސް އެތައް މިލިއަން މީހުން ނުކުމެ އުފާފާޅުކުރަމުން އެބަ ގެންދެއެވެ.
ބްރެޒިލްގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ރައީސް ލޫލާކަން އެގައުމުގެ ސުޕީރިއަރ އިލެކްޓޯރަލް ކޯޓުންވަނީ ރަސްމީގޮތުން ކަނޑައަޅާފައެވެ. ރައީސް ލޫލާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓުގެ 51.76 އިންސައްތަ ލިބިވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ލޫލާއާ ވާދަކުރެއްވި ދުރު ކަނާތުފިޔައިގެ ސެނެޓަރ ފްލާވިއޯ ބޮލްސޮނާރޯއަށް ލިބިވަޑައި ގެންނެވީ 48.24 އިންސައްތަ ވޯޓެވެ.
ފްލާވިއޯ ބޮލްސޮނާރޯއަކީ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދަރިކަލުންނެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދެވީ އޭނާއެވެ.
ފްލާވިއޯ ބޮލްސޮނާރޯވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހައްދަވާފައެވެ. ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ފްލާވިއޯ ވިދާޅުވީ، ވޯޓުގެ ތެރޭގައި ނާޖާއިޒް ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. އަދި ވޯޓުލުމުގެ ވަގުތަށް ދެގަޑިއިރު އިތުރުކުރި މައްސަލަވެސް އޭނާ ނަގާފައި ވެއެވެ.
ފްލާވިއޯ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާ ބާތިލްކުރަން އޭނާގެ ގާނޫނީ ޓީމުން ކޯޓަށް މައްސަލަ ހުށަހަޅާނޭ ކަމަށެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ، ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވިދާޅުވީ، ކެމްޕެއިންގައި ވައުދުވެވަޑައި ގެންނެވި ފަދައިން ބްރެޒިލްގެ 215 މިލިއަން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ ވެވަޑައިގެންފައިވަނީ ބްރެޒިލްގެ ތާރީޚްގައިވެސް ރައީސްކަމުގެ 4 ދައުރު ފުރުއްވާ ފުރަތަމަ ރައީސަށެވެ. އަދި ބްރެޒިލްގެ ރައީސްކަމަށް މިހާތަނަށް އިންތިޚާބު ކުރެވުނު އުމުރުފުޅުން އެންމެ ދޮށީ ބޭފުޅަކަށްވެސް އޭނާ ވެވަޑައިގެންފައި ވެއެވެ.
ބްރެޒިލްގެ ރައީސް ލޫލާ ހޯއްދެވި ތާރީޚީ ކާމިޔާބީއަށް އެތައްމިލިއަން ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަނީ
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.