ދުނިޔޭގެ އެކި ޤައުމުތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން، މަކަރާއި ހީލަތުން އަތުލައިގަނެފައިވާ 3.1 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފި އެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދާޚިލީ ވުޒާރާއިން އިސްނަގައިގެން، އިންޓަޕޯލް އަދި ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސްގެ އިތުރުން ޓެކްނޮލޮޖީ އަދި މާލީ ދާއިރާގެ އަމިއްލަ 13 ކުންފުންޏަކާ ގުޅިގެން ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި 30 ޤައުމެއްގެ ތަންފީޒީ އިދާރާތަކުން ވަނީ ބައިވެރިވެފައެވެ. މި އޮޕަރޭޝަނަކީ ޑިޖިޓަލް ވަސީލަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް ހިންގި ބައިނަލްއަޤްވާމީ ހަރަކާތެކެވެ.

ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށް އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކޮށްފައިވާ 5,256,101.97 (ފަސް މިލިއަން ދެލައްކަ ފަންސާސް ހަހާސް އެއްސަތޭކަ އެކެއް) ރުފިޔާގެ ތެރެއިން 3,104,075.38 (ތިން މިލިއަން އެއްލައްކަ ހަތަރުހާސް ފަންސަދޮޅަސް) ރުފިޔާ ވަނީ އަނބުރާ ހޯދައިދެވިފައެވެ. މިއީ ގެއްލުނު ޖުމްލަ ފައިސާގެ ގާތްގަނޑަކަށް 59.1 އިންސައްތައެވެ. މި މުއްދަތުގެ ތެރޭގައި ސްކޭމްގެ 544 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.

އިޝްތިހާރު އިޝްތިހާރު

މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ކުރެވުނު މަސައްކަތްތަކުން ސްކޭމްގެ މުޢާމަލާތްތަކާ ގުޅުންހުރި 847 މީހުން ދެނެގަނެވިފައިވާއިރު، 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ފައިސާ އިތުރަށް ދައުރުވުން ހުއްޓުވުމަށާއި ވިކްޓިމުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ބޭންކުތަކާ ގުޅިގެން 1,088 އެކައުންޓެއް ވަގުތީގޮތުން ވަނީ ފްރީޒްކޮށްފަ އެވެ.

ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. އެއީ 230 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކުރި ބޭރު ފައިސާ މާރުކުރުމުގެ 107 މައްސަލަ ހިމެނޭއިރު، ބުކިންގ ކެންސަލްކުރުމާއި ފައިސާ އަނބުރާ ހޯދުމުގެ 80 މައްސަލައެއް ހިމެނެއެވެ. މީގެއިތުރުން މީހެއްގެ ނަމުގައި އޮޅުވާލައިގެން ހިންގި 43 މައްސަލައަކާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ، ހުއްދަނެތި މުއާމަލާތް ހިންގުމުގެ 27 މައްސަލަ އަދި ލޯބީގެ ދަޅަދައްކައިގެން ހިންގި 8 ސްކޭމެއް ވަނީ ރިޕޯޓުކޮށްފަ އެވެ.

ދުނިޔޭގެ ފެންވަރުގައި ކުރިއަށްދިޔަ މި އޮޕަރޭޝަންގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ފައިސާ ފޭރުމާއި ބިރުދެއްކުމުގެ ކުށްތަކަށް ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. މި އޮޕަރޭޝަނުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން 123.71 މިލިއަނަށް ވުރެ ގިނަ ޝައްކުކުރެވޭ ހަރަކާތްތައް ހުއްޓުވައި، 39 ބިލިއަން ޔޫއެސް ޑޮލަރަށް ވުރެ ގިނަ ޑިޖިޓަލް އަދި މާލީ އެސެޓް ވަނީ ދެނެގަނެވިފަ އެވެ.

އަދި ބައިނަލްއަޤްވާމީ ފެންވަރުގައި 960 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، 3,500 އަށް ވުރެ ގިނަ ތުހުމަތުކުރެވޭ މީހުން ދެނެގަނެވުނުއިރު، ޤައުމުތަކުގެ މެދުގައި 9,000 އަށް ވުރެ ގިނަ އިންޓެލިޖެންސް މަޢުލޫމާތު ވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުން ސްކޭމް ހިންގުމަށް ބޭނުންކުރި 570 އަށް ވުރެ ގިނަ ސޯޝަލް މީޑިއާ އެކައުންޓް ބަންދުކޮށް، މިފަދަ ކަންކަން ހިންގާ 29 ސެންޓަރަކަށް ވަނީ ރެއިޑް ޖަހާފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނީ، މި އޮޕަރޭޝަން ކުރިއަށްދިޔަ މުއްދަތުގައި އާންމުން މިފަދަ މަކަރާއި ހީލަތްތަކަށް ހޭލުންތެރިކުރުވުމަށާއި މާލީ ގެއްލުންތަކުން ރައްކާތެރިކުރުމުގެ ގޮތުން އެންޓި-ސްކޭމް ސެންޓަރުން ހޭލުންތެރިކުރުމުގެ 34 ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.