އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފިއެވެ.

މި ފަރިއްކޮޅުގައި ދިވެހިރާއްޖެއާއި ޕާކިސްތާނު ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއި އެހެނިހެން އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަރިއްކޮޅުގެ ތެރެއިން، ދެ ގައުމުގެ މެދުގައި އޮތް ދޭދޭ ގުޅުން ބަދަހިކުރުމާއި، އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު ދެ ލީޑަރުން މަޝްވަރާކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި، ދެ ގައުމަށްވެސް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މިހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް، ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، 26 ޖުލައި 1966 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.

އަދި މިއީ މިދިޔަ 10 އަހަރުގެތެރޭގައި ދިވެހި ދައުލަތުގެ އެންމެ އިސްވެރިއަކު ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.