ދިވެހިރާއްޖޭގެ ރަށްރަށުގެ ފަސްގަނޑާއި ތިމާވެށި ހިމާޔަތްކޮށްދޭ ޤުދުރަތީ ދިފާއީ ބާރެއްގެ ގޮތުގައިވާ ޒަމާންވީ ބިޔަގަސްތަކާއި ރުއްގަސް، ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުފުރައި ނައްތާލުމުގެ އަމަލުތައް ހިންގަމުންދާތީ ތިމާވެށީގެ ހިމާޔަތުގައި ހަރަކާތްތެރިވާ "ސޭވް މޯލްޑިވްސް" ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި "އެލްނީނިއޯ" ގެ ސަބަބުން ކަނޑުތައް ހޫނުވެ، އިރުވައި މޫސުމުގައި އަންނަ ވިހަކުނޑި ވަޔާއެކު ރާއްޖެއަށް ތިމާވެށީގެ އަދި ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިފަދަ ގަދަ ހޫނާއި ނުރައްކާތަކުން ރައްކާތެރިވުމަށް ލިބިފައިވާ އެންމެ މުހިންމު ވަސީލަތަކީ އާރުލީ، ދުވަސްވީ ގަސްގަހާގެހި ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ރަށްރަށުގެ ހިންގުމާ ހަވާލުވެ ތިބި މުއައްސަސާތަކުން އެ ފަދަ ގަސްތައް ނައްތާލުމުގައި އިސްކޮށް އުޅުމަކީ އާންމު ސިއްހަތަށާއި ރަށްރަށުގެ ވިލުންވެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސޭވް މޯލްޑިވްސްއިން ބުނެއެވެ. ޤާނޫނާ ޚިލާފަށް ގަސްތައް ކަނޑައި، ތިމާވެއްޓަށް ގެއްލުންދެމުންދާ މުހިންމު ހާދިސާތަކެއް އެ ޖަމިއްޔާއިން ވަނީ ތަފްސީލުކޮށްދީފައެވެ.

އިޝްތިހާރު އިޝްތިހާރު

އެގޮތުން ހދ. ވައިކަރަދޫ ކައުންސިލް މެދުވެރިވެ ރަށުން ރުއްގަސް އުފުރާތީ އެކަން ހުއްޓުވަން ރައްޔިތަކު މައްސަލަ ކޯޓަށް ހުށަހެޅި ހާދިސާ ސޭވް މޯލްޑިވްސްއިން ފާހަގަކުރިއެވެ. މީގެއިތުރުން ހދ. ކުމުންދޫ ސްކޫލުގައި ހުރި 100 އަހަރަށްވުރެ ގިނަ ދުވަސްވީ ބިޔަ ނިކަގަހެއް ކަނޑާލުމާއި، ރ. ރަސްމާދޫގެ ތާރީޚީ ބޮޑު ނިކަގަހެއް ކެނޑި މައްސަލަ އެ ބަޔާނުގައި ހިމަނާފައިވެއެވެ.

ކ. މާފުށީގައި ރެސްޓޯރަންޓެއް އަޅަން ދަންވަރު ގަޑީގައި އެރަށުގައި ހުރި ހަމައެކަނި ނިކަގަސް ކަނޑާލި މައްސަލަވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ. ކ. ވިލިމާލޭގެ ފުނަވަލަށް ގެއްލުންވާ ގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމުގެ އިތުރުން މާލޭގެ އޭޑީކޭ ހޮސްޕިޓަލް ގޯތިތެރޭގައި ހުރި ޒަމާންވީ ގަހެއް ކަނޑާލި މައްސަލަވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުތައް ކަރުދާހުގައި ހުރި ނަމަވެސް، މަރުކަޒީ ސަރުކާރާއި، ރަށު ކައުންސިލްތަކާއި އަދި ސްކޫލްތަކުންވެސް އެ ޤާނޫނުތަކަށް ބެލުމެއްނެތި އަމަލުކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އޭގެ ނޭދެވޭ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ރައްޔިތުންގެ އިޖުތިމާއީ، އިޤްތިސާދީ އަދި ސިއްހީ ދުޅަހެޔޮކަމަށް ކުރަމުންދާ ކަމަށްވެސް ހާމަކުރިއެވެ.

ދައުލަތުގެ އިދާރާތަކުން ޤާނޫނީ ޒިންމާ އަދާކުރުމުގައި އިހުމާލުވަމުންދާތީ، އަންނަން އޮތް ޖީލުތަކުގެ ހައްގުގައި އަދި ރަށްރަށުގެ ދިފާއުގައި މިފަދަ ތިމާވެއްޓަށް ގެއްލުންދޭ އަމަލުތައް ހުއްޓުވުމަށް އިސްނަގައިގެން މަސައްކަތްކުރުމަށް އެންމެހައި ރައްޔިތުންނަށް ސޭވް މޯލްޑިވްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.