ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއްކަމަށެވެ. އަދި އެ ޤައުމަށް ވަޑައިގަތުމުން ވިދާޅުވި ހޫނު މަރުޙަބާއަށް ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
ޕާކިސްތާނުގެ އިސްލާމްއާބާދަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަތުމުން އެ ޤައުމުން ވަނީ 21 ތޮފީގެ ސަލާމެއް އަރުވައި، އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ މުހިއްމު ބައްދަލުވުންތަކާއި މަޝްވަރާތައް ކުރިއަށްދާނެއެވެ.
މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް 20 އޮކްޓޫބަރު 2026 އިން 22 އޮކްޓޫބަރު 2026 އަށް ކުރައްވާ 3 ދުވަހުގެ ފުރަމާނަ ދަތުރުފުޅެކެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ތެރެއިން ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ސިއްޙަތާއި، ތަޢުލީމީ ދާއިރާގެ އިތުރުން ފަތުރުވެރިކަމާއި ކުޅިވަރާއި ތިމާވެއްޓާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް މުހިއްމު ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޚާއްޞަ ބިޒްނަސް ފޯރަމެއްވެސް ކުރިއަށްދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.