ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރު ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން އެކަނިވެސް 15،000 އާއި 16،000 އާ ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ ދަ ޕަލްސް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން އީގަލް ހިލްސްއިން އަޅައިދޭ 5،000 ޔުނިޓުގެ މަޝްރޫއަކީ އަތްފޯރާފަށުގެ ކެޓަގަރީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ފްލެޓްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއުގެ ޢަމަލީ މަސައްކަތްތައް 2028 ވަނަ އަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހާ ހިސާބަށް ދާއިރު ބޮޑުބައެއް ނިމި، ގިނަ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިމުމަކާ ހަމައަށް ދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އިޝްތިހާރު އިޝްތިހާރު

އެ ސަރަހައްދުތަކަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ވެސް އެ މުއްދަތުގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަސްމާލެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ގިނަ ފްލެޓްތަކެއް ވެސް އެ މުއްދަތުގެ ތެރޭގައި ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލޭގައި މިހާރު ފެށިގެން ކުރިއަށްދާ 4،000 ޔުނިޓާއި ޕްރައިވެޓް ސެކްޓަރާއެކު އެއްބަސްވުން ހަދައިގެން ކުރިއަށްގެންދާ މަޝްރޫއުތަކާއެކު، ހުޅުމާލެއިން އެކަނިވެސް މި ދައުރުގެ ތެރޭގައި 10،000 ހައުސިން ޔުނިޓް ހަމަޖެހިގެންދާނެ އެވެ. ޕްރައިވެޓް ސެކްޓަރު މެދުވެރިކޮށް އަޅާ ޔުނިޓުތަކުގެ ތެރެއިން ވެސް، ފްލެޓް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނީ ސަރުކާރުން ކަނޑައަޅާ ލިސްޓެއްގެ ދަށުންނެވެ.

މީގެއިތުރުން އިންޑިއަން ލައިން އޮފްކްރެޑިޓްގެ ދަށުން ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ. އެ މަޝްރޫއުގެ އިދާރީ ގޮތުން ދެ ގައުމުގެ ދެމެދުގައި ފުރިހަމަކުރަންޖެހޭ މަރުހަލާތައް ނިމި ކޮންޓްރެކްޓަރަކާ ހަވާލުކުރެވުމުން އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.