ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ބާރުއެޅުމުގެ ގޮތުން، 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރީ ސްޓޯރޭޖް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދުގައެވެ.

މި ފަހުމުނާމާގައި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޙުސައިން އަގީލް ނަސީރެވެ. އަދި ޒެޖިއަންގް ޗިންގްޓިއަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ވައިސް ޕްރެޒިޑެންޓް މިސްޓަރ ޑޮންގްޓިންގ ހޭ އެވެ.

އިޝްތިހާރު އިޝްތިހާރު

ދެ ފަރާތުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން، އިރުގެ އަލިން ހަކަތަ އުފައްދާ 15 މެގަވޮޓުގެ ނިޒާމެއް (ސޯލާ ޕީވީ ސިސްޓަމް) ރާއްޖޭގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މި މަޝްރޫއުގެ ތެރެއިން 15 މެގަވޮޓް-އަވަރ ގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް) ވެސް ރާއްޖޭގައި ގާއިމުކުރާނެއެވެ. މިއީ ރާއްޖޭގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތަ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫއުގެ ސަބަބުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ