ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން، އެ ޚިދުމަތުގެ ހުވާކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިއަދު 133 ފުލުހަކު ހުވާކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒް މުޙައްމަދު ނިޝާތުއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި ރަސްމިއްޔާތުގައި ހުވާކުރި 133 ފުލުހުންގެ ތެރޭގައި ސްޕެޝަލް ކޮންސްޓެބުލަރީގެ 64 ފުލުހުން ވެސް ހިމެނެއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، މަގާމުގެ ހުވާކުރުމަށްފަހު އެ ހުރިހާ ފުލުހުން ވެސް ވަނީ ހުވާގެ އިގުރާރުގައި ރަސްމީކޮށް ސޮއިކޮށްފައެވެ.
އަލަށް ގުޅުނު ފުލުހުން ހުވާކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދު ބައިވެރިވެލެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ ސާވިސް ޑިވެލޮޕްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޒީމް ވަހީދު ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެލައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.