ޗާލު ދިވެހިރާއްޖެ އެވޯޑުގެ ވޯޓުލުން މާދަމާ އާންމުންނަށް ހުޅުވާލުމަށް ހަމެޖެހިފައިވާކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ބުނެފިއެވެ. މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ، ފަނޑިޔާރުންގެ %60 މާކްސް އަދި އާންމުންގެ %40 މާކްސް ހިމަނައިގެންނެވެ.
ޗާލު ދިވެހިރާއްޖެ އެވޯޑަކީ މުޖުތަމައު ތަރައްޤީ ކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަމާއި އަދި އީޖާދީ މަސައްކަތްތަކުން ފާހަގަކޮށްލެވޭ ރަށްތަކުގެ އަގުވަޒަންކުރުމަށް ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއިން ތައާރަފުކޮށްފައިވާ އެވޯޑެކެވެ. މި އެވޯޑުގެ މަޤުސަދަކީ ރަށްރަށުގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށް އަދި ރަނގަޅު މުސްތަޤުބަލަކަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ރަށްރަށުގެ ކައުންސިލުތަކާއި ރައްޔިތުންނަށް ހިތްވަރުދިނުމެވެ.
މި އެވޯޑުގެ ދެވަނަ ބުރުގެ ދަށުން ކޮންމެ ކެޓަގަރީއަކުން ހޮވުނު ގަދަ 5 ރަށުގެ އިވެލުއޭޝަން މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތުގެ ތެރެއިން ފަނޑިޔާރުންގެ ޕެނަލުން ކޮންމެ ރަށަކަށް ޒިޔާރަތްކޮށް ވަނީ މާކްސް ދީފައެވެ. މި އެވޯޑުގެ ދަށުން ދެން އޮންނާނީ، އާންމުންގެ ވޯޓަށް ހުޅުވާލުމެވެ. އާންމުންގެ ވޯޓަށް މާދަމާ ހުޅުވާލާނެ ކަމަށް ޕީއެސްއެމުން ބުނެއެވެ.

ކޮންމެ ކެޓަގަރީއަކުން ހޮވުނު ގަދަ 5 ރަށް:
އެންމެ ހިތްގައިމު ރަށު މަންޒިލް
* ކަނޑުޖެޓީ, ރ. ރަސްގެތީމު
* ނައިވާދޫ ހޮހޮޅަ އަންޑަވޯޓާ ކޭވް، ހދ. ނައިވާދޫ
* މަތިވެރި ފިނޮޅު، އއ. މަތިވެރި
* ހިތަދޫ ކުޅި، ލ. ހިތަދޫ
* ހަނދު ދަނގެތި، އދ. ދަނގެތި
ރަށު ފަތުރުވެރިކަމުގައި އެންމެ ޒިންމާދާރު ރަށް
* އއ. އުކުޅަސް
* އއ. މަތިވެރި
* ބ. ކުޑަރިކިލު
* އދ. ދިގުރަށް
* އދ. ދަނގެތި
ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
* އއ. މަތިވެރި
* ބ. ކުޑަރިކިލު
* ދ. ރިނބުދޫ
* އއ. އުކުޅަސް
* ވ. ކެޔޮދޫ
ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ އީޖާދީ ވިސްނުން ގެންގުޅޭ ރަށް
* އއ. އުކުޅަސް
* ބ. ކުޑަރިކިލު
* އދ. ދަނގެތި
* އއ. މަތިވެރި
* ފުވައްމުލަކު ސިޓީ
އެންމެ އެކުވެރި މުޖުތަމަޢު
* ހދ. ނާވައިދޫ
* ބ. ކުޑަރިކިލު
* އއ. އުކުޅަސް
* އއ. މަތިވެރި
* ވ. ކެޔޮދޫ
އެންމެ ހިތްގައިމު ގޮނޑުދޮށް
* ގުރައިދޫ ބީޗް، ކ. ގުރައިދޫ
* ހިންނަވަރު ރީތި ބީޗް، ޅ. ހިންނަވަރު
* އުކުޅަސް ނެޗުރަލް ބީޗް، އއ. އުކުޅަސް
* މަތިވެރި ބީޗް، އއ. މަތިވެރި
* މަންދޫ ތުނޑި، އދ. މަންދޫ
އާންމުންގެ ވޯޓުލުން ކުރިއަށްދާނީ، ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށެވެ. އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ވޯޓުލުމަށް ހުޅުވާލާފައިވާއިރު، މިއީ އެވޯޑުގެ އެކި ކެޓަގަރީތަކުން އާންމުންނަށް ކަމުދާ ރަށްތަކަށް ތާއީދުކޮށް ވޯޓު ދިނުމަށް ލިބިގެންދާ ފުރުސަތެއްގެ ގޮތުގައި ޕީއެސްއެމުން ފާހަގަކުރެއެވެ.
ދެވަނަ ބުރުގެ އެންމެފަހުގެ ނަތީޖާ ކަނޑައަޅާނީ، ފަނޑިޔާރުންގެ މާކްސްއާއި އާންމުންގެ ވޯޓުގެ ނަތީޖާ އެކުލަވާލައިގެންނެވެ. އެއީ، ފަނޑިޔާރުންގެ އިވެލުއޭޝަނަށް 60 އިންސައްތަ އަދި އާންމުންގެ ވޯޓަށް 40 އިންސައްތަ ދިނުމުގެ އުސޫލުންނެވެ.











ކިޔުންތެރިންގެ ހިޔާލު