ޕަބްލިކް ސާވިސް މީޑިއާގެ ނިއުސްރޫމުގައި މަސައްކަތްކުރާ ހިތްވަރުގަދަ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދުގެ ހާލު ދެރަވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ސާއިދަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހާލު ދެރަވުމާ ގުޅިގެންނެވެ. ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ސާއިދު ދިޔައީ އާސަންދައިގެ އެހީގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ތައްޔާރުވަމުންނެވެ.
ފަރުވާގެ ހުރިހާ ކަމެއް ހަމަޖެހި މި މަހުގެ ތޭރަ ވަނަ ދުވަހު ސްރީ ލަންކާއަށް ދިއުމަށް ހުރިހާ ކަމެއް އޮތީ ހަމަޖެހިފައެވެ. ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އޭނާއަށް އެނގުނީ ދެ ހާސް އަށާރަ ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

އެކަން އެނގުނުއިރު ކިޑްނީގެ މަސައްކަތް ހުރީ އެންމެ ތޭރަ އިންސައްތައިގައެވެ. އެފަހުން އޭނާ ދިޔައީ ޑަޔަލަސިސް ހަދައި ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި ގާތް އެކުވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ޑޯނަރެއް ހޯދުމުގެ މަސައްކަތްވެސް އޭނާ ދިޔައީ ކުރަމުންނެވެ.
ބަލި ހާލަތާއެކުވެސް ސާއިދު ފާހަގަކުރެވިފައިވަނީ ވަޒީފާއަށް ކަމޭހިތާ، ޕީއެސްއެމްގެ ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. ކިޑްނީ ބަލީގެ ވޭނުގައި އުޅެމުން ޑަޔަލަސިސް ހަދަމުންވެސް އޭނާ އެންމެ ޝައުގުވެރިވާ ކުޅިވަރުގެ ދާއިރާގެ ޚަބަރުތަކާއި ޕްރޮގްރާމްތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި ސްޕޯޓްސް ޓީމުގައި ސާއިދުގެ ދައުރު ނުހަނު ބޮޑެވެ. ނިއުސް އެޑިޓަރެއްގެ ގޮތުގައި ކުޅިވަރު ޑެސްކުގެ ކަންކަން ބަލަހައްޓަމުންދަނީވެސް ސާއިދެވެ.
އެންމެނާވެސް ގުޅޭ އެކުވެރި މިޒާޖެއްގެ ސާއިދަކީ އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ދިވެހި ކުޅިވަރު އާއިލާއާވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތެކެވެ. ދެ ހާސް ނުވަ ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނު ޒުވާން ސާއިދަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ. ވަކިން ޚާއްސަކޮށް ކޮމެންޓްރީ ދިނުމާއި، ކުޅިވަރު ޕްރޮގްރާމްތައް ހުށަހެޅުމާއި ކުޅިވަރު ޚަބަރުތައް ގެނެސްދިނުމުގައި އޭނާއަކީ ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ.
ޕީއެސްއެމްގެ ކުޑައިގެ ދަށުން ހިންގާ ޓީވީއެމް، ޕީއެސްއެމް ނިއުސް، ދިވެހިރާއްޖޭގެ އަޑު އަދި ޔެސްޓީވީއަށް ބޭނުންވާ ކުޅިވަރު ކޮންޓެންޓުތައް ގެނެސްދިނުމުގައި ސާއިދުގެ ރޯލު ވަރަށް ބޮޑެވެ. ގައުމީ އަދި ސަރަހައްދީ ބޮޑެތި ކުޅިވަރު ކަވަރޭޖްތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައިވެސް ސާއިދު ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. ކުޅިވަރު އާއިލާގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ސާއިދަށް މިވަގުތު ބޭނުންވަނީ އެންމެންގެ ހެޔޮ ދުއާއެވެ.








ކިޔުންތެރިންގެ ހިޔާލު