އިނގިރޭސިވިލާތުގެ ރޯޔަލް އެއަރފޯސް ފެއަރފޯޑް އެއަރބޭހަށް ދޭން އުޅުނު ހަމަލާގެ އަޑީގައި އޮތީ އީރާނުގެ އިންގިލާބީ ލަޝްކަރުކަން “ގާތްގަނޑަކަށް ޔަގީންވެފައިވާ ކަމަށް” އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ.
އިނގިރޭސި ޕާލަމެންޓުގައި އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، އިނގިރޭސިވިލާތުގެ ފަސްގަނޑުގައި މިބާވަތުގެ އިންޒާރުތައް ބަލައިނުގަންނާނޭ ކަމަށާއި، ތަހައްމަލްވެސް ނުކުރާނޭ ކަމަށެވެ.
އީރާނުން އިނގިރޭސި ފަސްގަނޑުގައި ޖިނާއީ ނެޓްވޯކްތައް ބޭނުންކުރުމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނޭ ކަމަށާއި، އީރާނަށާއި އެކަމުގައި އީރާނަށް ފަންޑުކުރާ ފަރާތްތަކާ ދެކޮޅަށް އިނގިރޭސިވިލާތަށް ލިބިގެންވާ ފުރިހަމަ ބާރުތައް ބޭނުންކޮށްގެން ފިޔަވަޅު އަޅުއްވާނޭ ކަމަށްވެސް އެންޑީ ބާންހަމް ވިދާޅުވިއެވެ.

އަދި އިނގިރޭސިވިލާތަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަށް އީރާނާއި އައިއާރުޖީސީއަށް ލިބިފައިވާ ގާބިލްކަން ހަނިކުރުމަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ އިންޒާރުވެސް އިނގިރޭސި ބޮޑުވަޒީރު ދެއްވާފައި ވެއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު 3 ވޭނެއްގައި ގޮސް ފެއަރފޯޑް އެއަރއެއަރބޭސް ކައިރީގައި ހަރަކާތްތެރިވަނިކޮށް އަތުލައިގެންފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
އިނގިރޭސި ސަލާމަތީ ބާރުތަކުން އެތަނުން މޫނު ނިވާކޮށްގެން ތިބި 5 މީހަކު ހައްޔަރުކުރިއިރު، އެމީހުން ބޭނުންކުރި ވޭންތަކުން ގިނަ އަދަދެއްގެ ގޮވާތަކެތި ފެނިފައިވާ ކަމަށް ބުނެފައި ވެއެވެ.
މޫނު ނިވާކޮށްގެން ތިބި މީހުން މަސައްކަތް ކުރީ އެއަރ ބޭހުގެ ތެރެއަށް ވަދެގަނެ، ބޮންއަޅާ ބޯޓުތަކުގައި ގޮވާތަކެތި ހަރުކޮށް ގޮއްވާލަން ކަމަށް ސަލާމަތީ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ސަލާމަތީ ބާރުތަކުން ހައްޔަރުކުރި 5 މީހުންނަކީވެސް ލަންޑަނަށް ނިސްބަތްވާ އިނގިރޭސި ރައްޔިތުންނެވެ. އެކަމަކު އެމީހުންގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.
ހައްޔަރުކުރިތާ ދެދުވަސްވެސް ނުވަނީސް އެމީހުންވަނީ ވަގުތީގޮތުން މިނިވަން ކޮށްފައެވެ. އެކަމާ ގުޅިގެން ބޮޑެތި ފާޑުކިއުންތައް އިނގިރޭސި ސަރުކާރަށް އަމާޒުވެފައިވެސް ވެއެވެ.
ރޯޔަލް އެއަރފޯސް ފެއަރފޯޑް އެއަރ ބޭހަކީ، އީރާނަށް ބޮން އެޅުމަށް އެމެރިކާ ސިފައިން ބޭނުންކުރި އެއަރ ބޭހެކެވެ. އީރާނަށް ބޮންއަޅަން އެމެރިކާއިން ބޭނުންކުރި ބީ-1 މަތިންދާ ބޯޓުތައް ބަހައްޓާފައި ހުންނަނީވެސް އެ ބޭހުގައެވެ.
އީރާނު ސަރުކާރުން ތަކުރާރުކޮށް ގެންދަނީ އެކަމުގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނަމުންނެވެ.
އީރާނުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ސައްޔިދު އަލީ މައުސަވީ މިއަދުވެސް ވަނީ އެ ތުހުމަތުތަކާ ދެކޮޅު ހައްދަވާފައެވެ. އަދި ވިދާޅުވީ، އެ މައްސަލަ ތަހްގީގު ކުރުމުގައި އިނގިރޭސި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭން އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.











ކިޔުންތެރިންގެ ހިޔާލު