އިސްތިއުމާރީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް މިއަދު ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 4 މީހުން ޝަހީދު ކޮށްލައިފިއެވެ.
އަދި މި ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.
މިއަދަކީ، އިސްތިއުމާރީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިތާ 3 އަހަރު ފުރޭ ދުވަހެވެ.

މި ދުވަހާ ދިމާކޮށް އިސްތިއުމާރީ ސިފައިން ޣައްޒާގެ ހުރިހާ ހިސާބެއްގައި އަނިޔާވެރިކަން އިތުރުކޮށް ޣައްޒާގެ އާންމުންނަށް ހަމަލާ ދެމުން އެބަ ގެންދެއެވެ.
އެންމެ ފަހުން މިއަދު މީހަކު ޝަހީދު ކޮށްލާފައިވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ ރެފިއުޖީ ކޭމަޕަށް ދިން ހަމަލާތަކުގައެވެ.
އޭގެކުރިން ޣައްޒާގެ އެހެން ހިސާބުތަކުގައި ބަޑިޖަހައިގެންނާއި، އަދި ވައިގެ ހަމަލާތައްދީ ތިން މީހުން ޝަހީދު ކޮށްލާފައި ވެއެވެ.
ކަމާލް އަދްވާން ހޮސްޕިޓަލް ކައިރިއަށް ޓެރަރިސްޓުން ދިން ހަމަލާއެއްގައި ޒަޚަމްވި މީހުންނަށް އެހީވާން ދިޔަ ޣައްޒާ ސިވިލް ޑިފެންސް ޓީމު މެމްބަރަކުވެސް ފަތިހު ޝަހީދު ކޮށްލާފައި ވެއެވެ.
ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށި ނަމަވެސް، އޭގެފަހުން މިވީ މުއްދަތުގެ ތެރޭގައި ކޮންމެ 10 ދުވަހަކުން 9 ދުވަހު އިސްތިއުމާރީ ސިފައިންވަނީ ޣައްޒާއަށް ހުއްޓާނުލާ ހަމަލާތައް ދީފައެވެ.
2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 74،000 އަށްވުރެ ގިނަ އާންމުން ޝަހީދު ކޮށްލާފައި ވާއިރު، އޭގެ ތެރޭގައި 35،000 އަށްވުރެ ގިނަ ތުއްތު ކުދިންނާއި ކުޑަކުދިން ހިމެނެއެވެ.
ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ދެލައްކައާ ގާތްކޮށްފައި ވެއެވެ.
ޓެރަރިސްޓު ޒަޔަނިސްޓު ބާރުތަކުން ހަމަލާދީ، ގެދޮރާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ޔުނިވަރސިޓީތަކާއި، މިސްކިތްތަކަށް ބޮންއަޅައި ބިމާހަމަ ކޮށްލާފައި ވާއިރު، މުޅި ޣައްޒާ އޮތީ ސުންނާފަތި ކޮށްލާފައެވެ.
ގެދޮރު ސުންނާފަތި ކޮށްލުމުގެ ސަބަބުން ޣައްޒާގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަމީހުން މިހާރު ތިބީ މަގުމަތިވެފައެވެ.
މަގުމަތިވެފައިވާ މީހުން ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންދާއިރު، ބަލިމަޑުކަން ދަނީ އާންމުވަމުންނެވެ.
އިންސާނީ އެހީ އެތެރެކުރަން އިސްތިއުމާރީ ދައުލަތުން ހުރަސް އެޅުމުގެ ސަބަބުން އާންމު ހާލަތު ހައްތަހާދަނީ ގޯސްވަމުންނެވެ.
އިސްތިއުމާރީ ބާރުން ޣައްޒާގައި ހިންގަނީ ނަސްލުނައްތާލުގެ ޖަރީމާތަކެއް ކަމަށް ބައިނަލްއަގްވާމީ އިދާރާތަކުން ކަނޑައަޅާފައި ވާއިރުވެސް، އަދި އެ ޖަރީމާތައް މިހާރުވެސް ހުއްޓާނުލާ ކުރިއަށް ގެންދާއިރު، މި ޖަރީމާތައް ހުއްޓުވަން ދުނިޔެވަނީ ނުކުޅެދިފައެވެ. އެންމެން އަދިވެސް ތިބީ ކުޅިބަލާށެވެ.










ކިޔުންތެރިންގެ ހިޔާލު