ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.
އެމަނިކުފާނު އެކަމުގެ ޔަޤީންކަން ދެއްވީ “ރައްޔިތުންގެ އަޑު” ސިލްސިލާގައި ޑައުންސިންޑްރޯމް ހުންނަ ކުއްޖެއްގެ ބެލެނިވެރިއެއް ހިއްސާކުރި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. އެ ބެލެނިވެރިޔާ ވަނީ ވަރަށް ތަފްސީލުކޮށް އެފަދަ ކުދީންނާއި މީހުންނަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް ހިއްސާކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންކްލޫސިވިޓީއަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހިއްސާކުރެއްވި ހުރިހާ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅަށް އެޑްރެސް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.

އަދި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް އެހާ ތަފްސީލު ގޮތެއްގައި ހިއްސާކޮށް ދެއްވީތީ ރައީސް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ބައެއް ކަންކަމަށް ވަރަށް އަވަހަށް ޙައްލު ކުރެވޭނެ ކަންކަން ކަމަށާ އެކަންކަން ދިގުލައިގެން ދިޔަ ނުދެއްވާނެ ކަަމަށެވެ.
އަދި ސުކޫލުގެ މާޙައުލާއި އެފަދަ ކުދީންގެ ތެރަޕީ އާއި ބޯހިޔާވަހިކަމާއި ގުޅޭ ކަންކަމުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.
“އަޅުގަނޑު ބޭނުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ވީއެންމެ ރަނގަޅަކަށް ކަންކަން ފަހިވާން,” ރައީސް ވިދާޅުވި އެވެ.











ކިޔުންތެރިންގެ ހިޔާލު