މިއަދު ފެށި މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފި އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމުގައި، ޚާއްޞަކޮށް މަތީ ތައުލީމު ހާސިލުކުރާނެ ދާއިރާ ހޮވުމުގައި، މި އިމްތިހާނަކީ ވަރަށް މުހިންމު މަރުހަލާއެއް ކަމަށެވެ. ދަރިވަރުންނާއި އެ ކުދިންގެ އާއިލާތަކާއި މަދަރުސާތަކަށް ވެސް ރައީސް ވަނީ ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ، އިރާދަކުރެއްވިއްޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދަރިވަރުން ގައުމަށް ފަޚުރުވެރިކަން ހޯދައިދޭނެ ރަނގަޅު ނަތީޖާތަކެއް ހޯދާނެ ކަމުގެ އުންމީދު ވެސް ރައީސް ފާޅުކުރެއްވިއެވެ.

މި އަހަރު 53 ސެންޓަރަކުން 4,973 ދަރިވަރުން އޭލެވެލް އިމްތިހާނާއި 2,263 ދަރިވަރުން އެޗްއެސްސީ އިމްތިހާނު ހަދަން ހަމަޖެހިފައިވެއެވެ. މިއަދު ފެށި އޭލެވެލް އިމްތިހާނު ނިމޭނީ 30 އޮކްޓޫބަރުގައެވެ.










ކިޔުންތެރިންގެ ހިޔާލު