ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ އައިޓީ މުވައްޒަފުންގެ ތެރެއިން ކޮމްޕިއުޓަރ ޓެކްނީޝަނުންގެ މުސާރައަށް ދިމާވެފައިވާ މައްސަލަތައް ބައްލަވައި، އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ “ރައްޔިތުންގެ އަޑު” ސިލްސިލާގައި ވާހަކަދައްކަމުން އައިޓީ ދާއިރާގެ މުވައްޒަފަކު ވަނީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުތަކެއް ގެނައިތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް އައިސްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މުވައްޒަފު ފާހަގަކުރި ގޮތުގައި، އައިޓީ ދާއިރާގެ އޮޕަރޭޝަންތައް ހިންގުމުގައި ކޮމްޕިއުޓަރ ޓެކްނީޝަނުން މުހިންމު ދައުރެއް އަދާކުރި ނަމަވެސް، އައު ޕޭ ފްރޭމްވޯކުގެ ދަށުން އެ މުވައްޒަފުންގެ އަސާސީ މުސާރަ އިދާރީ އޮފިސަރުންގެ މުސާރައަށްވުރެވެސް ކުޑައެވެ.

“އަޅުގަނޑުމެންގެ މުސާރައަށް ބަދަލު އައިއިރު، އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ ފެންވަރުގެ ބޭފުޅުންނަށްވުރެވެސް އަޅުގަނޑުމެންގެ އަސާސީ މުސާރަ ކުޑަ. އެލަވަންސްތަކާއެކު ޖުމްލަ ލިބޭ މިންވަރުވެސް މަދު. ޕަބްލިކް ސަރވިސް ރޭންކް 4 ގެ އޮފިސަރަކަށްވެސް އަޅުގަނޑުމެންނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ،” އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، ޝަކުވާތަކާ ގުޅިގެން އެންމެ ފަހުން ލިބުނު މުސާރައިގައި އިތުރުކޮށްދީފައިވަނީ އެންމެ 100 ރުފިޔާ ކަމަށާއި، މިއީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮމްޕިއުޓަރ ޓެކްނީޝަނުންގެ މުސާރައަށް އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާކަމާއި، މުސާރައިގެ ހަމަހަމަކަން ގެއްލިފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި މިއީ ކޮންމެހެން އިސްލާހުކުރަންޖެހޭ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މިކަން ވެފައިވާ ގޮތް އަޅުގަނޑު އިތުރަށް ބަލާނަން. ޕޭ ފްރޭމްވޯކް އެކުލަވައިލުމުގައި ރިއާޔަތްކުރާ ވަކި މިންގަނޑުތަކެއް ހުރޭ. އެހެންނަމަވެސް، މި ފާހަގަކުރެއްވި ފަދަ ހާލަތެއް އޮތްނަމަ، އެއީ ކޮންމެހެންވެސް ރަނގަޅުކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މި މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ނޭޝަނަލް ޕޭ ކޮމިޝަނާ މަޝްވަރާކުރައްވައިގެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު