ހުޅުމާލޭ ފޭސް އެކެއްގައި ވިޔަފާރި އަދި އިޖްތިމާއީ އެކި ހަރަކާތްތަކަށް މިހާރު ބޭނުންކުރަމުން އަންނަ ރުއްގަނޑު ދޭއް ސަރަހައްދުގައި އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމަށް ހާއްސަކޮށް ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ތަރައްގީކުރުމަށް ނިންމައިފި އެވެ.
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުމެވެ.
އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިން އެލީއަކާއި، ގޭމިން އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖްތިމާއީ ހަރަކާތްތަކަށް ބޭނުންކުރެވޭނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެ އެވެ. އަދި އެއާއެކު، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ކުޅިވަރު ބަލަން ތިބެވޭނެފަދަ ގޮތަކަށް އެތަން ތަރައްގީކުރާނެ އެވެ. ލޮކަރު ރޫމަކާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ޕާކިން އޭރިއާއެއް ވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ، އެ ސަރަހައްދުގެ ތިމާވެއްޓާއި، އެ ސަރަހައްދުގެ އަތިރިމަތި އަދި އެތަނުގައި މިހާރު ހުރި ގަސްގަހާގެއްސަށާއި، މާހައުލަށް މާބޮޑު ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާނެފަދަ ގޮތަކަށް ތަން ޑިޒައިން ކޮށްގެންނެވެ.
ރުއްގަނޑު 2 ސަރަހައްދަށް މި ގެނެވޭ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި، އާއިލާތަކަށާއި، ޒުވާނުންގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ފަތުރުވެރިން އަދި ރަށްރަށުން ޒިޔާރާތް ކުރާ އެންމެންނަށް ވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގައި ބައިވެރިވެވޭނެފަދަ އުފާވެރި އަމާން މާހައުލެއް ގާއިމު ވެގެންދާނެ އެވެ. އަދި މީގެ ސަބަބުން ހުޅުމާލޭގެ އިޖްތިމާއީ ގުޅުން ވަރުގަދަ ވެގެންދާނެ އެވެ.
ހުޅުމާލެއަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެކި ބޭނުންތަކަށް ޒިޔާރާތްކުރާ ފަރާތްތަކަށްވެސް ހިތްފަސޭހަ، އަދި ރައްކާތެރި ވެއްޓަކަށް ހެދުމަށްޓަކައި އެޗްޑީސީން މެދުކެނޑުމެއްނެތި އަންނަނީ މަސައްކަތް ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު