ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާރލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.
މި ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާސިރު އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗީފް ކޮމާޝަލް އޮފިސަރު ސުރަން ޑި ސިލްވާއެވެ.
އެ ކުންފުނިން ބުނީ މި އެއްބަސްވުމުގެދަށުން، ވާރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026 އާ ގުޅޭގޮތުން ކަނޑައެޅޭ އިވެންޓް މާކެޓިންގ މެޓީރިއަލްތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި، ޕްރޮމޯޝަނަލް ކޮމިއުނިކޭޝަންތަކުގައި އެ ކުންފުނީގެ ބްރޭންޑިންގ ހިމެނިގެންދާނެކަމަށެވެ. އަދި މި ސްޕޮންސަރޝިޕަކީ މި ރަސްމިއްޔާތު ބޭއްވުމަށް އެހީތެރިވެދޭ އަދި ފަތުރުވެރިކަމުގެ މި ބައިނަލްއަޤްވާމީ އިވެންޓް ރާއްޖެއަށް ގެނައުމުގައި އަމިއްލަ ދާއިރާގެ ބައިވެރިވުން ދައްކުވައިދޭ ކަމެެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ވާރލްޑް ޓްރެވަލް އެވާރޑްސްއަކީ ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ، ދުނިޔޭގެ މަގުބޫލު މަންޒިލްތަކާއި، ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ހޮސްޕިޓަލިޓީ ބްރޭންޑްތައް އެއްވެއުޅޭ ހަރަކާތެކެވެ. މިއެވާރޑްސްގެ އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ސިނާއަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިސްތިހާރުކޮށް، ޕްރޮފެޝަނަލް ނެޓްވޯކްތައް ވަރުގަދަކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ލިބޭ އަގުހުރި ފުރުސަތެއްކަމަށް އެލައިޑް އިންޝުއަރެންސްއިން ފާހަގަކޮށްފައިވެއެވެ.
އެލައިޑްއިން އިތުރަށް ބުނީ، މި ޕާޓްނާޝިޕާއެކު ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަށާއި، ބައިނަލްއަގުވާމީ ފަރާތްތަކަށް ރާއްޖެ އިސްތިހާރުކުރުމަށާއި، ސިނާއަތުގެ ގުޅުންތައް ބަދަހިކޮށް، ދުނިޔޭގެ އެންމެ މުހިންމު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު