މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން، ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ފަހުމުނާމާއެއްގައި ނިއުޔޯކުގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ދާއިރާތަކަށް ފުޅާކޮށް، ސިޔާސީ މަޝްވަރާތައް ގަވާއިދުން ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވައިލި އެއްބަސްވުމެކެވެ. މިއީ ދެ ޤައުމުގެ ޚާރިޖީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.
އެމެރިކާގެ ނިއުޔޯކުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. ކެންޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި ކެބިނެޓް ސެކްރެޓަރީ ފޯ ފޯރިން އެންޑް ޑަޔަސްޕޯރާ އެފެއަރސް ޑރ. މުސާލިއާ މުޑަވަޑީއެވެ.

މި ފަހުމުނާމާގެ ދަށުން ދެ ޤައުމުގެ ޚާރިޖީ ވުޒާރާތަކުން ގަވާއިދުން ބައްދަލުކޮށް، ސިޔާސީ މަޝްވަރާތައް ބާއްވަމުން ގެންދާނެއެވެ. އަދި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ މުހިންމު ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ ނިންމާފައެވެ.
ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 23 އޮކްޓޫބަރު 1995 ގައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ސަބަބުން ކުރިންސުރެ އޮތް ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު