ބައިނަލްއަޤްވާމީ އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު މިއަދު ޗައިނާއަށް ފުރައިފިއެވެ.
މި ދަތުރުގައި ޤައުމީ ޓީމުން ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޗައިނާގައެވެ. މި މަހުގެ 24 ވަނަ ދުވަހު ކުޅޭ މި މެޗުގައި ރާއްޖެ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.
ޗައިނާގައި ކުޅޭ މެޗަށްފަހު ރާއްޖޭގެ ޓީމު ދެން ދަތުރުކުރާނީ ކިރިކިސްޠާނަށެވެ. އެ ޤައުމުގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ކިރިކިސްޠާނާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ވަރުގަދަ ލުބުނާނާ ދެކޮޅަށެވެ.

މި މެޗުތަކަށް ޤައުމީ ޓީމު ނުކުންނައިރު، ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން މި ދަތުރުގައި ބައިވެރިވެވިފައެއް ނުވެއެވެ. އޭގެ ތެރޭގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ތަރި މުޙައްމަދު އިލާން އިމްރާން ހިމެނެއެވެ. މީގެއިތުރުން، މި ދުވަސްވަރަކީ ބައެއް ކުޅުންތެރިންގެ ސްކޫލް އިމްތިހާނުތައް ކުރިއަށްދާ ދުވަސްވަރަކަށް ވުމުން، އެ ކުޅުންތެރިންނަށް ވެސް ޓީމާއެކު ދަތުރުކުރެވޭ ގޮތް ވަނީ ނުވެފައެވެ.
މި ސަބަބުތަކާ ހުރެ މި މެޗުތަކަށް އެކުލަވާލި ސްކޮޑުން ގިނަ ބަދަލުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މި ފަހަރުގެ ސްކޮޑުގެ ކެޕްޓަންކަން އަނެއްކާވެސް ހަވާލުކޮށްފައިވަނީ ތަޖުރިބާކާރު ޑިފެންޑަރު ސަމޫހު ޢަލީ (ސަމުއްޓެ) އާއެވެ. އަދި ޤައުމީ ޓީމުގެ ހެޑް ކޯޗު އުރުބާނީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކޯޗު ޞަބާޙް މުޙައްމަދު (ސޮބާ) ވަނީ ހަމަޖައްސާފައެވެ.
މި ދަތުރަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޤައުމީ ޓީމު ވަރުގަދަކޮށް، ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ތަޖުރިބާ ހޯދައިދިނުމުގެ މަޤްޞަދުގައި ކުރާ މުހިންމު ދަތުރެކެވެ.










ކިޔުންތެރިންގެ ހިޔާލު