ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ އިހުލާސްތެރިކަމާއެކު އަދުލުވެރިކަން ގާއިމުކުރުން ކަމަށާއި، ކުށްކުރާ މީހުންނަށް ގާނޫނުގައިވާގޮތުގެ މަތިން ހައްގު އަދަބު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ފިކުރުތަކާއި ސިކުނޑިތައް ހުރ ނަމަވެސް، މި ސަރުކާރުގެ އަސާސީ އަމާޒަކީ ގައުމުގައި ހަމަޖެހުން ގާއިމުކޮށްދިނުން ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ ސިޔާސީ ޕާޓީއެއްގައި ނުވަތަ ފިކުރެއްގައި އެއްވެސް ބިރެއް ނެތި ދެމިހުރުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށާއި، އެ ސަބަބާހުރެ އެއްވެސް މީހަކަށް ނުހައްގު އަދަބެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ވަކި ސިޔާސީ ފިކުރެއްގައި ހުރުމަކީ އެ މީހަކަށް އަދަބު ލިބެންޖެހޭ ސަބަބެއް ނޫން ކަމަށާއި، ނަމަވެސް އެއީ ގާނޫނާ ހިލާފު އަމަލެއް ހިންގުމުގެ ހުއްދައެއް ނޫން ކަމަށެވެ. ގާނޫނާ ހިލާފަށް ކަމެއް ކުރާނަމަ އެއީ ވަކިން ބަލަންޖެހޭ މައްސަލައެއް ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަކި މީހަކު ވަކި ސިޔާސީ ފިކުރެއްގައި ހުރުމަކީ އެ މީހަކަށް އަދަބު ދޭންޖެހޭނެ ކަމެއް ނޫން. އެހެންނަމަވެސް، ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ގާނޫނާ ހިލާފުވާނަމަ އެއީ ތަފާތު މައްސަލައެއް
ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން އަބަދުވެސް އިސްކުރާނީ ފުރިހަމަ އަދުލުވެރިކަމާއި އިހުލާސްތެރިކަން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކުގައި ދެފުށް ފެންނަ ސިޔާސަތެއްގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު