ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، ރާއްޖެއަށް އިންވެސްޓުކުރާ ފަރާތްތައް ދަނީ އިތުރުވަމުން ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
“ރާއްޖެ ބަނގުރޫޓުނުވެ، ދުނިޔޭގެ މަސްރަހު މިފަދަ ނާޒުކު ފައްތަރެއްގައި އޮތްއިރުވެސް ކާބޯތަކެއްޗާއި ތެލާއި ގޭހުގެ ދަތިކަމެއް ނެތި ކުރިއަށް މިދަނީ. މި ދަތި ދަނޑިވަޅުގައިވެސް ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތައް ދަނީ އިތުރުވަމުން. ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ކަމުގައިވިޔަސް، ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް މިހާރުވެސް ދަނީ ހިނގަމުން،” ވަޒީރު ސަޢީދު
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ތެރެއިން “އެމްއެމްޓީވީ”އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް އިންތިހާބުކުރީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ އުންމީދުގައެވެ. އަދި މީގެ ކުރިން ގައުމު ވެއްޓިފައި އޮތްފަދަ ނުރައްކާތެރި އަނދަވަޅަކަށް އަލުން ވެއްޓެން މިއަދު އެއްވެސް ދިވެހި ރައްޔިތަކު ބޭނުންނުވާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ކޮންމެ ސިޔާސަތެއްވެސް ބިނާވެފައިވަނީ “ދިވެހީންގެ ރާއްޖެ” އަދި “އެންމެ ފުރަތަމަ ގައުމު” މި އަސާސުގެ މައްޗަށް ކަމަށެވެ. އެގޮތުން، މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރަމުންދާއިރު ވެސް، އޭގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށް ނުކުރާނެހެން ކަންކަން ރާވާ، އިންތިޒާމުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކާއި، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތުތައް މިއަދު ވިޔަފާރިވެރިން ވެސް ބަލައިގަންނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ޓީ-ބިލު ވިއްކައިގެން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން މިއަދު ދައްކައި ހަލާސްކޮށްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ މިފަދަ އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ރާއްޖެއިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ފުދުންތެރި އަދި ބާރުވެރި ދިވެހިރާއްޖެއެއް ބިނާކުރެއްވުމަށް ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު