ބަންކަރިން ޚިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރުގެ ޢާމްދަނީއެއް ލިބިފައިވާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރު ލިބިފައިވާކަމަށެވެ. އަދި މިއީ މީގެ ކުރިން ރާއްޖެއަށް ވަތް ރެވެނިއުއެއް ނޫންކަމަށާއި މި އާމްދަނީ އެއަށް ވުރެ މަތިވުމަކީ ކުރެވޭ އުންމީދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މިޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އާމާޒެކެވެ.

ވަޒީރު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް އިތުރަށް ފުޅާކުރެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.
އެއްވެސް ކަހަލަ ބަނދަރެއް އުތުރުގައިވެސް ނެތި ފެށީ މި މަސައްކަތް. ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް އެ ޚިދުމަތް ދޭންޖެހޭ. އަމަލީ މަސައްކަތް ފެށެން ގާތްވަމުން ދަނީ..
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ބަންކަރިންގެ ޚިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ. ބަންކަރިން ޚިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލްއިނެވެ.
2024 ވަނަ އަހަރު ސެޕްޓެންބަރު މަހު ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު