ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވަމުންކަމަށެވެ. އެގޮތުން “Hulhumale Daily Rent Apartment” (@hulhumaleapartment) ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 ނަންބަރު ބޭނުންކޮށްގެން މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ބުނީ މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފާ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަންވެސް ތަހުގީގަށް ފާހަގަ ކުރެވިފައިވާކަމަށެވެ.
ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް
- ތަން ބަލައި ޔަގީންކުރުން: އެޕާޓްމަންޓަށް އަމަލީގޮތުން ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިންގ ފީއެއް ޓްރާންސްފަރ ނުކުރުން.
- މިލްކުވެރިކަން ކަށަވަރުކުރުން: ކުއްޔަށް ހިފުމުގެ އެއްބަސްވުންތައް ހެދުމުގެ ކުރިން، ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުމެއް ނުވަތަ ތަން ކުއްޔަށްދިނުމުގެ ރަސްމީ ހުއްދަ އޮތްކަން ޔަގީންކުރުން.
- އަވަސްއަރުވާލައިގެން ފައިސާ ދައްކަން ބުނާ ބުނުމަށް ފާރަވެރިވުން: ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނެ އަވަހަށް އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރުމަށް މަޖުބޫރުކުރާ ހާލަތްތަކުގައި ފައިސާ ނުދެއްކުން.
- އޮންލައިން މުއާމަލާތްތަކަށް ސަމާލުވުން: ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުން.
މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 7217905 އަށް ފައިސާ ޓްރާންސްފާ ސްލިޕް ފޮނުވިފައިވާ މީހުން، ނުވަތަ މިފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން 3322111 އަށް ގުޅައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ވީހާވެސް އަވަހަށް ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.











ކިޔުންތެރިންގެ ހިޔާލު