އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި 2-1 އިން އާސެނަލުން ޗެލްސީ ބަލިކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލުން މެޗުފެށީ އުނދަގޫކޮށެވެ. އެއީ މެޗު ފެށިތާ ދެ މިނެޓުތެރޭގައި ޗެލްސީންލީޑު ނެގުމުންނެވެ. ޗެލްސީއަށް ލީޑު ނަގައިދިނީ ޖޮރެލް ހަޓޯ ދިން ބޯޅައަކުން މޯގަން ރޮޖާސްއެވެ.

ޗެލްސީން ލަނޑު ޖަހާ ލީޑު ނެގި ނަމަވެސް އާސެނަލް އިން ވަނީ މި މެޗުގައި ރަގަޅު ކުޅުމެއް ދައްކާ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އާސެނަލްގެ މެދުތެރެއިން ރަގަޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު ޗެލްސީގެ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

އާސެނަލުން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 25 ވަނަ މިނިޓުގައި ކައި ހަވާޓްޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ހަވާޓްޒް މި ލަނޑު ޖެހުމުގެ ކުރިން އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އޭނާ ލަނޑު ޖެހުމުގެ ކުރިން އާސެނަލްގެ ކޮންސާ އޮފްސައިޑް ވެފައިވާކަމަށް ބުނެ އެ ނިންމުން ބަދަލުކޮށްފައެވެ. ސެނަލް އިން ލީޑު ނަގާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި މާޓިން އޮޑެގާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލު ކުރުމުގެ ކުރިން ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ފޮނުވާލި ބާރު ހަމަލައެއް ޑޭވިޑް ރާޔާ މަތަކޮށްފައިވާއިރު, ޕެޑްރޯ ނެޓޯ ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވެފައިވަނީ އާސެނަލްގެ ގޯލުގެ ދަނޑިއަށެވެ.

ދެވަނަ ހާފުގައި ޗެލްސީގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ބްރެޒިލްގެ އެސްޓެވާއޯ ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ގޯލުކީޕަރު ރާޔާ ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްފައެވެ.

އާސެނަލް އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓް ލިބިފައެވެ. ޗެލްސީ އަށް ލިބިފައިވަނީ ތިން މެޗުން 6 ޕޮއިންޓެވެ.