ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެން، ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ ވިސާއެއް ދިނުމަށް ނިންމާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތައިލެންޑްގެ ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ރަސްމީކޮށް ގެޒެޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މި ސެޕްޓެމްބަރު 15 އިން ފެށިގެން އެ އައު އުސޫލުތަކަށް އަމަލުކުރަން ފަށާނެ ކަމަށާއި، މި ބަދަލާ ގުޅިގެން ތައިލެންޑަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ގައުމުގައި 30 ދުވަހުގެ މުއްދަތަކަށް ތިބެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލެންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ޤައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް އެ ގައުމުން ނިންމާފައިވެއެވެ.

އެ ނިންމުމުގައި ރާއްޖެ ހިމެނިފައި އޮތީ ވިސާއާ ނުލައި ތައިލެންޑަށް އެތެރެވެ އެންމެ 15 ދުވަހު ތިބެވޭ ގައުމުތަކުގެ ލިސްޓުގައެވެ. މިކަމާ ގުޅިގެން ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، ޖޫން މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ތައިލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، ދިވެހިންނަށް ދޭ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ ދެމެދުގައި ދެކެވުނު މި ވާހަކަތަކަށްފަހު، ޖުލައި މަހުގެ 14 ވަނަ ދުވަހު ތައިލެންޑް ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީ އަލުން މުރާޖާކުރިއެވެ. އަދި އެ ނިންމުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭ މުއްދަތު 15 ދުވަހުގެ ބަދަލުގައި 30 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު