ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖޭގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށްޓަކައި ހަރުދަނާ ފުލުހުންގެ ޚިދުމަތެއް ދެމެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި އިޖުތިމާޢީ މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ މުއައްސަސާގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ދުވަހުގެ ތަހުނިޔާއާއި ޝުކުރު އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށާއި ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއަކަށް، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކުރިމަތީގައިވެސް މި ޤައުމުގެ ޤަދަރު އުފުލިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ ޢަޒުމާއި ރޫޙުގައި، ކަނޑައެޅިފައިވާ އަމާޒުތައް ޙާޞިލްކުރުމަށްޓަކައި އަބަދުމެ އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިގެން އައީ އެކެއް ނުވައެއް ތިރީސް ތިންވަނަ އަހަރުއެވެ. އޭރުން ފެށިގެން ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެކުއެކީގައި ކުރިއަށް ދިއުމަށްފަހު، ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުނީ ދެހާސް ހަތަރުވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.
މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ބަދަލުވުމާއެކު، އެ މުއައްސަސާ ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވުނެވެ. ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީވެސް މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް އުފެދުނު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.
މި ޚިދުމަތަށް ޚާއްޞަކޮށްގެން ފުރަތަމަ ޤާނޫނެއް އެކުލަވާލައި ޢަމަލުކުރަން ފެށީ ދެހާސް އަށްވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ދެހާސް ވިއްސވަނަ އަހަރު އެކުލަވާލެވުނު އައު ޤާނޫނުގެ ދަށުން، ޒަމާނީ ކޮމިއުނިޓީ ޕޮލިސިންގގެ ފަލްސަފާއަށް ފުލުހުންގެ ޚިދުމަތް ވަނީ ބައްޓަންކުރެވިފައެވެ.
ފާއިތުވި ބާވީސް އަހަރުގެ ތެރޭގައި ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ފުޅާކުރަމުން އަންނައިރު، މިއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫޢުތައް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ.










ކިޔުންތެރިންގެ ހިޔާލު