ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގއ. ނިލަންދޫގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢަކީ ރަށުގެ ޒުވާނުންނާއި ފުޓްސަލް ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ދައުލަތުގެ ބަޖެޓުން 1.35 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްދާ މަޝްރޫޢެކެވެ. މިއީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގެ މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި އެ ރަށުގެ ކުޅުންތެރިންނަށް ލިބިގެންދާނެ މުހިންމު ވަސީލަތެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ ގއ. ނިލަންދޫގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިންނެވެ.

ރައީސް މުޢިއްޒު 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު ގއ. ނިލަންދުއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ކުޅިވަރުގެ މަޝްރޫޢުތަކުގެ ތެރެއިން ފުޓްސަލް ދަނޑުގެ މައްސަލަ އެންމެ އަވަސްގޮތެއްގައި ޙައްލުކުރުމަށް ކަންތައްތައް ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި އެކަން ފުޓްސަލް ކުޅޭ ޒުވާނުންނަށްޓަކައި ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
އޭގެ އިތުރުން، އެ ދަތުރުފުޅުގައި ރައީސް ވަނީ ރަށުގެ ސްކޫލަށް މަލްޓިޕާރޕަސް ހޯލެއް އަޅައިދިނުމުގެ ވައުދު ފުއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށްޓަކައި އެގްރޯނެޓްގެ މެކޭނިޒަމްގެ ތެރެއިން ނުވަތަ އެނޫންގޮތަކުން ވިޔަސް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު