ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެއެވެ. ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައ ވަނީ އެ ކުއްޖާ ނިޔާވެއްޖެ ކަމަށް ބުނެފައެވެ.
އެކްސިޑެންޓަށްފަހު އެ ކުއްޖާއަށް ފަރުވާދެމުން އައީ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.
އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާ ކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގީ ވިނަރެސް ހަތެއްގެ ކައިރި އަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ. ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރިޕޯޓްކުރީ، ހޮނިހިރު ދުވަހުގެ ރޭ 21:04 އެހައިކަންހާއިރުކަމަށެވެ. އަދި އެ ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ގޮސް، ވަގުތުން އެކަމަށް އިޖާބަދީފައިވެއެވެ.

އެކްސިޑެންޓްވުމާއެކު އެ ކުއްޖާ ވަނީ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދެއްގެ ލޭފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ދެ ކާރެއް ޓޯކޮށްފައެވެ. ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދުމަށް ޓޯކުރީ ފުލުހުން ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގި ސަރަހައްދުގެ ފޮޓޯއިން ފެންނަން އޮތް ރީނދޫ ކުލައިގެ ކާރަކާއި ހުދު ކުލައިގެ ކާރެވެ.










ކިޔުންތެރިންގެ ހިޔާލު