ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދުމަށް އެންމެ ޚާއްސަ ބަޖެޓަކަށް ވެގެންދާނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ “ކޮންގްރެސް ފޯރި” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީއަކީ ވަކި ލީޑަރެއްގެ ނުވަތަ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ޕާޓީއެއް ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުންގެ ޕާޓީއެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނާއި ޕާޓީގެ އާންމު މެންބަރުން އެދޭ ގޮތަށް ނަމޫނާ ސިޔާސީ ހިންގުމެއް ގާއިމުކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އިގްތިސާދީ ގޮތުން ދިމާވެފައިވާ ދަތި ހާލަތްތަކުން އަރައިގަތުމަށް ވަރަށް އުނދަގޫ ނިންމުންތައް ނިންމަން ޖެހިފައިވަނީ މި ސަރުކާރުގެ އަމަލެއްގެ ސަބަބުން ނޫން ކަމަށާއި، ކުރީގެ ސަރުކާރުތަކުން ގައުމުގެ މާލީ ހާލަތު ވައްޓާލާފައި އޮތް ހިސާބުގެ ސަބަބުންނެވެ.

ކުރިއަށް އޮތް ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުއްގައްޔޫމާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ޕްރޮގްރާމް ބަޖެޓަކަށް ބަދަލުވާން ބޭނުންފުޅުވި ނަމަވެސް އެކަން ކުރައްވަން ކެރިވަޑައިނުގެންނެވި ކަމަށެވެ.
ބަޖެޓުގެ ތަފްސީލުތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ފާހަގަކުރެއްވީ، މިފަހަރު ބަޖެޓު ފާސްކުރާއިރު ވަކިވަކި ކުދި އަދަދުތަކުން މަޝްރޫއުތައް ނުޖަހާނެ ކަމަށެވެ. އޭގެ ބަދަލުގައި ގަނޑުކޮށް ގައުމީ ޕީއެސްއައިޕީ ފާސްކޮށް ދައުލަތާ ހަވާލުކުރަނީ، އެ ރަށެއްގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ އިސްކަންދޭންޖެހޭ ކަންކަން ފުޅާ ދާއިރާއެއްގައި ނިންމެވުމުގެ ފުރުސަތު ދިނުމަށެވެ.
އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ ދުވަސްވީ ސިޔާސީ ތާރީޚުގައި އެމްޑީޕީގެ ވެރިކަމުގައި ގައުމުގެ ހަރުމުދަލާއި މާލީ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ޕާޓީއަށް އިތުރު ފުރުސަތެއް ލިބިއްޖެނަމަ ގައުމުގެ އިގްތިސާދީ ތަރައްގީއަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް ރައީސް ޑރ. މުއިއްޒު އިހުތިރާމް ކުރައްވާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، ނިމިދިޔަ އިންތިޚާބުތަކުގެ ނަތީޖާ ވެސް އެންމެ ފުރަތަމަ އިސްވެ ނުކުމެވަޑައިގެން ގަބޫލުފުޅުކުރައްވައި ރައްޔިތުންގެ ނިންމުމަށް އެ މަނިކުފާނު އިހުތިރާމް ކުރެއްވި ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު