އއ. ފެރިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ޕޭވްމަންޓް އެޅުމުގެ މަސައްކަތާއި ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ އއ. ފެރިދޫގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. 50 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން ދުއިސައްތަ ތޭރަ މީޓަރުގެ އެއްގަމު ތޮއްޓަކާއި 147 މީޓަރުގެ ބޭރު ތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ބަނދަރު ބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

800 މީހުންގެ އާބާދީއެއް އޮންނަ ފެރިދޫގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ ދެހާހުގެ ކުރީކޮޅުގައި ތަރައްޤީކޮށްފައިވާ ތިންސަތޭކަ ފޫޓުގެ ކުޑަ ބަނދަރެކެވެ. މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން އެ ބަނދަރު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، އެއީ ރާއްޖޭގައި އޮތް އެންމެ ކުދި ބަނދަރުތަކުގެ ތެރެއިން ބަނދަރެކެވެ.
ފެރިދޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށަކަށްވުމާއެކު، ރަށުގެ އާބާދީއާއި ވިޔަފާރިތަކުގެ އިތުރުން ބޭނުންކުރާ ކަނޑު އުޅަނދުފަހަރުގެ އަދަދު ވަނީ އިތުރުވެފައެވެ. އެހެންކަމުން ބޮޑެތި މުދާ އުފުލާ ދޯނިފަހަރާއި ބޯޓުފަހަރު އަޅާނެ ޖާގަ ނެތުމުގެ ސަބަބުން، އަޅާފައި ހުންނަ އުޅަނދުފަހަރު ދުރުކޮށްގެން ޖާގަ ހަދަންޖެހުމުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހެއެވެ.
މި މަޝްރޫޢު މުޅިން ނިމި ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީވުމުން، މިހާރު ހުރި ޖާގައިގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. އޭގެ އިތުރުން މިހާރު އޮތް ބަނދަރުގެ ސަރަޙައްދާއެކު އަށްސަތޭކަ ފޫޓުގެ ބޮޑު، ޒަމާނީ ބަނދަރެއްގެ ޚިދުމަތް ރައްޔިތުންނަށް ދިގު މުއްދަތަކަށް ލިބިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު