އއ. ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު: ރޫފިންގ ބީމްގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެ
އއ. ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، އެ އިމާރާތުގެ ރޫފިންގ ބީމްގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރޫފިންގ ބީމްގެ ކޮންކްރީޓް މަސައްކަތްތައް ނިމި، މިހާރު ސައިޓުގައި ކުރިއަށްދަނީ ރޫފް ބީމް ކިއުރިންގގެ މަސައްކަތްތަކެވެ.
ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މި މުހިންމު މަޝްރޫޢު އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އއ. ފެރިދޫގައި މިހާރު ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ސިއްޙީ މަރުކަޒަކީ 2003 ވަނަ އަހަރު ޚިދުމަތް ދޭންފެށި ތަނެކެވެ. ޖާގައިގެ ދަތިކަން ބޮޑު މި ކުޑަ ޢިމާރާތުގައި ބަލިމީހުން ބެލުމާއި، އެޑްމިޓްކޮށްގެން ދޭންޖެހޭ ފަރުވާގެ އިތުރުން މަރުކަޒުގެ އެންމެހައި އިދާރީ މަސައްކަތްތައް ވެސް ޒަމާނުއްސުރެ ކުރަމުން އައީ އެއް ފުރާޅެއްގެ ދަށުގައެވެ. މި ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދުމުގެ ގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި އެ ސިއްޙީ މަރުކަޒަށް އައު އިމާރާތެއްވެސް އިތުރުކުރެވުނެވެ.
ފެރިދޫ ސިއްޙީ މަރުކަޒުން މިހާރު ދުވާލަކު 16 ގަޑިއިރު ޚިދުމަތް ދެމުން އަންނައިރު، އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 4000 އަށްވުރެ ގިނަ މީހުން އެ މަރުކަޒުން ޞިއްޙީ ޚިދުމަތް ހޯދަމުންދެއެވެ. އެހެންކަމުން، މިހާރު ކުރިއަށްދާ އަޕްގްރޭޑިންގ މަޝްރޫޢު ނިމުމުން، ރަށުގެ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ ސިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.