ކ. ހުރާ ރަށު ކައުންސިލާ ގުޅިގެން، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ޒަކާތަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕުރޮގުރާމުގެ ދަށުން ޒަކާތާ ގުޅޭގޮތުން އެ ރަށުގެ އާންމު ރައްޔިތުންނަށް ޚާއްޞަކޮށްގެން ރޭ ވަނީ މަޢުލޫމާތު ސެޝަނެއް ބާއްވާފައެވެ. މި ސެޝަނުގައި އިސްލާމް ދީނުގައި ޚާއްޞަކޮށް މުދަލު ޒަކާތަށް ދެއްވާފައިވާ އަހަންމިއްޔަތާއި ޒަކާތުގެ ޝަރުޢީ ޙުކުމްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން ޒަކާތް ނެރެން ޖެހޭ މުދަލާއި ޒަކާތަށް ނެރޭނެ މިންވަރު ހިސާބު ކުރާނެ ގޮތުގެ އިތުރުން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ބައްޓަންވެފައިވާ ގޮތާއި، ޒަކާތު ފަންޑުން ފޯރުކޮށްދޭ އެހީތަކާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް މި ސެޝަނުގައި ވަނީ ބައިވެރިންނާ ޙިއްސާކޮށްފައެވެ.
މީގެ އިތުރުން އިއްޔެގެ މެންދުރު ފަހު ސްކޫލު ދަރިވަރުންނަށް ޚާއްސަކޮށްގެން އެ ރަށު ސުކޫލުގައި ވެސް ވަނީ މައުލޫމާތު ސެޝަނެއް ބާއްވާފައެވެ.


މައުލޫމާތު ސެޝަންތައް ބޭއްވުމުގެ އިތުރުން، އެ ރަށު ޒިންނޫރައިން މިސްކިތުގައި، އިއްޔެގެ މަޣްރިބް ނަމާދަށް ފަހު ވަނީ، ޒަކާތުގެ ޝަރުޢީ ޙުކުމްތަކުގެ މައްޗަށް އަލިއަޅުވާލާ ދަރުހެއް ބާއްވާފައެވެ. ދަރުސް ދެއްވީ ޒަކާތު ހައުސްގެ ވާޢިޡު މުޝްރިފް، އައްޝައިޚް ޢިއްޒައްދީން އަދުނާނެވެ.
އަދި އިއްޔެގެ ހަވީރުގެ ވަގުތުގައި އެ ރަށުގެ ބައެއް ވިޔަފާރި މަރުކަޒުތަކަށް ޒިޔާރަތްކޮށް މުދަލު ޒަކާތާ ގުޅޭ މައުލޫމާތު ވިޔަފާރިވެރިންނާ ހިއްސާކުރުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހުރާ ކައުންސިލުގެ އިތުރުން ހުރާ ސުކޫލު މެނޭޖްމަންޓުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު މި ހަރަކާތްތަކަށް އެ ދެ އިދާރާއާއި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވި ތަރުޙީބު ފާހަގަކޮށް އެ ރަށު ރައްޔިތުންނާއި ކައުންސިލް އިދާރާއާއި ސުކޫލު މެނޭޖްމަންޓަށް ޒަކާތުހައުސްގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު