ރާއްޖޭގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ޓެކްނިކަލް ދިރާސާތަކަށްފަހު އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި، އެ ފިޔަވަޅުތަކާއެކު އެދެވޭ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ‘ނޭޝަން ޗެޓް’ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބޭރު ފައިސާގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާއެކު އިގްތިސޯދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރުގެ ނުފޫޒު އޮތް ނަމަވެސް، ދައުލަތުގެ ދަރަނިތައް ދައްކައި އިގްތިސޯދީ މުހިންމު މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ މީހުން ބޭރު ފައިސާ ގެންދިއުމާއި ރާއްޖޭގެ އެތެރޭގައި ބޭރު ފައިސާ ގެންގުޅުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ވަގުތު ނަގާނެއެވެ. ނަމަވެސް އެ ކަންކަން ހަމަމަގަށް އަޅުވައި ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަކި ތަރުތީބެއްގެ ތެރެއިން ސަރުކާރުން އަޅަމުންދާނެ ކަމަށް ވިދާޅުވިއެވެ.

މި ފިޔަވަޅުތައް އެކުލަވާލުމުގައި ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް، ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހަޅަނީ ބޭރު ގައުމުތަކުގައި ކަންކަން ކޮށްފައިވާ ގޮތާއި ޓެކްނިކަލް ވަޒަންކުރުންތަކަށް ބެލުމަށްފަހު ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގައި ކަންކަމާ ހަވާލުވެ ތިއްބެވީ ތައުލީމީ އަދި ފަންނީ ތަޖުރިބާހުރި ބޭފުޅުން ކަމަށާއި، ކަންކަން ނިންމަނީ އެންމެންގެ މަޝްވަރާއާއެކު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސޯދު ފުޅާކޮށް ކުރިއެރުވުމަށްޓަކައި މިހާރު ތަންފީޒުކުރަމުންދާ ފަދަ ވަށާޖެހޭ ސިޔާސަތުތަކެއް ވޭތުވެދިޔަ ދުވަސްތަކުގައި އެހެން ސަރުކާރަކުން ގެނެސްފައިނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ބަދަލުތަކުގެ ތެރެއިން، ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ.










ކިޔުންތެރިންގެ ހިޔާލު