ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގައި ހިނގި އަލިފާނުގެ ހާދިސާގައި ތުއްތު ކުދިންތަކެއް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ އިސްލާމާމާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގެ ނާސަރީ ވޯޑުގައެވެ.

އިޝްތިހާރު އިޝްތިހާރު

ހިތާމައިގެ މިދަނޑިވަޅުގައި، ހިތްދަތިކަން ލިބުނު ޢާއިލާތަކަށް ކެތްތެރިކަމާއި ތަސައްލީ މިންވަރު ކުރެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮދުޢާ އެ ޢާއިލާތަކާއެކު ވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށާއި، ޕާކިސްތާނު ސަރުކާރަށާއި، އުޚުއްވަތްތެރި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ވިދާޅުވެފައެވެ.

މި ޙާދިސާއާ ގުޅިގެން މިހާރު ކުރިއަށްދާ ތަޙުޤީޤުގެ ސަބަބުން، ކުރިމަގުގައި ދިމާވެދާނެ މިފަދަ ޙާދިސާތައް ހުއްޓުވުމަށް އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.