ޝަރުޢީ ދާއިރާގައި ތިރީސް ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޢަލީ ޝަފީޤު އަވަހާރަވުމުގެ ހިތާމައިގައި އެ މަރްޙޫމްގެ ޢާއިލާއަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ސިޓީ މެދުވެރިކުރައްވައި ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
ޝަރުޢީ ދާއިރާގައި ޚިދުމަތްކުރެއްވުމުގެ އިތުރުން ޢަލީ ޝަފީޤަކީ ދ. މީދޫގައި އަދި ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ މަސައްކަތް ދިގު މުއްދަތެއްގައި ކުރެއްވި، ދީނަށް ލޯބިކުރައްވާ، ޚުލްޤު ހެޔޮ، މުޖުތަމަޢުގެ އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ޤާރީއެއް އަދި އެދުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަލީ ޝަފީޤް ލެހެއްޓެވުން އެދި ދުޢާ ކުރައްވާފައިވެއެވެ.
މަރްޙޫމް ޢަލީ ޝަފީޤުގެ ބޭފުޅުންގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ޞަފާ ޝަފީޤު ހިމެނިވަޑައިގަންނަވައެވެ.










ކިޔުންތެރިންގެ ހިޔާލު