ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުމުގެ ތުހުމަތުކުރެވޭ އާދަމް އަދުލާން، ތ.ވިލިފުށި، މޫނިމާގޭގެ މައްޗަށް އުފުލި ދައުވާތައް އަނބުރާގެނައި އެ ދައުވާތައް ސާބިތުކުރަން ބޭނުންވާ މިންވަރަށް ހެކި ނެތުމުންކަމަށް ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން ބުނެފިއެވެ.
އަދުލާނުގެ މައްޗަށް ދައުވާކުރި ސަބަބާއި، އެ ދައުވާތައް އަނބުރާ ގެނައި ސަބަބުތައް ބަޔާންކޮށްދީ ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މޭ، 5، 2025 ގައި އެ މައްސަލާގައި އަދުލާނުގެ މައްޗަށް ދައުވާކޮށްދިނުން އެދި ފުލުހުން މައްސަލަ ފޮނުވުމުން، ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާކަމަށް ފެންނާތީ ދައވާނުކުރަން ނިންމައި މައްސަލަ އަނބުރާ ފުލުހުންގެ ހިދުމަތަށް ފޮނުވިއެވެ.
އެ މައްސަލަ އަނބުރާ ފޮނުވުމުން އަލުން އެ ނިންމުން މުރާޖައާކޮށްދިނުމަށް ފުލުހުންގެ ހިދުމަތުން ޕީޖީ އޮފީހުގައި އެދުނެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ އެ މައްސަލާގައި ދައުވާކުރަން ނިންމީ، މުރާޖައާކުރުމުގެ މަރުހަލާގައި ގާނޫނުގައި މައްސަލާގައި ދައުވާކުރުމަށް ދީފައިވާ މުއްދަތު ހަމަވާތީ އެކަމަށް ރިއާޔަތްކޮށެވެ. އެއީ އެ މުއްދަތު ހަމަވުމުގެ ކުރިން ދައުވާނުކުރެވިއްޖެނަމަ ދައުވާކުރުމުގެ ފުރުސަތު ބަންދުވާނެތީއެވެ.

އަދުލާނުގެ މއްޗަށް ކުރަން ފޮނުވީ ދެ ދައުވާއެކެވެ. އެއީ އެނގިހުރެ ކޮމްޕިއުޓަރު ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާައެވެ.
މި މައްސަލާގައި އަދުލާނުގެ މައްޗަށް ފުލުހުން ކުރާ މައިގަނޑު ތުހުމަތަކީ އޮރިޔާން ކާޑު ވިއްކުންކަމަށްވީ ނަމަަވެސް އެފަދަަ އެއްޗެސް ވިއްކައި ވިޔަފާރިކުރިކަން ނުވަތަ އެހެން މީހަކަށް އެތަކެތި އޭނާ ފޮނުވިކަން އަދި އެފަދަ ވިޔަފާރިއެއްކުރި ވިއުގައަކާ ގުޅުމެއް އޮތްކަންް އެނގޭނެ އެއްވެސް ހެއްކެއް ނެތްކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ފާހަގަކުރީ ޑިޖިޓަލް ޑިވައިސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެއިން ގިނަ ޑިވައިސްތަކަށް އަދުލާނު ޒިންމާކުރެވޭނެ މިންވަރަށް އެތަކެއްޗާ އޭނާއާ ގުޅުވައިދޭ ހެކިތަކެއް ހޯދިފައިނުވާ ކަމެވެ. އަދި އޭނާގެ ޑިވައިސްތަކުން ފެނުނު އޮރިޔާންކާޑުތަކަކީ ކުޑަކުދިންގެ އޮރިޔާންކާޑުކަން ސާބިތުކޮށްދޭ މިންވަރަަށް ހެކި ނެތުމުން ކުޑަކުދިންގެ އޮރިޔާންކާޑު ކޮމްޕިއުޓަރުގައި ބެހެއްޓުމުގެ ދައުވާ އޭނާ މައްޗަަށް ކުރެވެން ނެތް ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުން އިތުރަށް ފާހަގަކުރީ މި މައްސަލާގައި އަދުލާނުގެ މައްޗަށް އުފުލެން އޮތް ހަމައެކަނި ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާކަމަށްވީއިރު، އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުންކަމަށްވާއިރު އަދި އެ ކުށުގެ އެންމެ ކުޑަ އަދަބަކީ ނުވަ ދުވަހަށް ޖަލަށްލުން ކަމަށްވާއިރު، އަދުލާން ތަހުގީގު މަރުހަލާގައި 28 ބަންދުގައި ހުރެފައި އޮތުމާއެކު، ކުށުގެ އެންމެ ކުޑަ އަދަބުގެ މުއްދަތު އޭނާ ބަންދުގައި ހުރި މުއްދަތުން އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތުމާއެކު އެ ދައުވާކުރިއަށްގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު