ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ދެމެދުގައި އަޅާ، ރާއްޖޭގައި މިހާތަނަށް އެޅޭނެ އެންމެ ބޮޑު މިސްކިތަށް ކިޔާނެ ނަމަކާމެދު ހިޔާލު ހުށަހެޅުއްވުމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއްމުންގެ ކިބައިން މިއަދު އެދިވަޑައިގެންފިއެވެ.
ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، އަންނަ މަހު އެ މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، މިސްކިތަށް ކިޔާނެ ރީތި ނަމެއް ހޯދުމަށްޓަކައި އާއްމުންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ. މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިހާރު ވަނީ އެ ވުޒާރާއާ ހަވާލުކޮށްފައެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، މި މިސްކިތް ވެގެންދާނީ ރާއްޖޭގެ 900 އަހަރުވީ އިސްލާމީ ތާރީޚާއި ޙަޟާރަތުގެ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއަކަށެވެ. އަދި އީމާންކަމާއި ޢިލްމާއި ވަޙުދަތު ފެތުރުމުގެ މުހިއްމު މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭ ތަރިކައަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި އިޢުލާން ކުރެއްވި މި މަޝްރޫޢު ފައިނޭންސް ކުރުމަށް، ސަޢޫދީ ޢަރަބިއްޔާގެ އަލްރާޖިޙީ ކުންފުންޏާއެކު އިސްލާމީ ވުޒާރާއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މިސްކިތް ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ޤުރުއާން މިއުޒިއަމަކާއި އެހެނިހެން މުހިއްމު ވަޞީލަތްތައް ވެސް ހިމެނޭނެއެވެ.










ކިޔުންތެރިންގެ ހިޔާލު