ހުޅުމާލެއަށް އަރާ ސަރަޙައްދުގައި އިއްޔެ ހިންގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓައިފި އެވެ

ބްރިޖް ހައިވޭގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ އިއްޔެ ހެނދުނު 8:42 ގަ އެވެ. އެކްސިޑެންޓްގައި ކާރު ވަނީ މުޅީން ފުޑުފުޑުވެފަ އެވެ. އަދި ސޯލާ ޕެނަލްތައް ވެސް ވަރަށް ބޮޑަށް ހަލާކުވި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވީއިރު ކާރުގައި ތިބީ، ކާރު ދުއްވަން އިން ބ. ކަމަދޫ، މިޔްނިކް އުމުރުން 40 އަހަރުގެ ހަސަން ރިފާއު އާއި 13 އަހަރުގެ ކުއްޖެއް ކަމަށެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ނަމަވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

އިޝްތިހާރު އިޝްތިހާރު

މި އެކްސިޑެންޓްގައި ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފަހު ކާރުގެ ބައިތައް ވަނީ ވެރިފަރާތަށް ހަވާލުކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކާރު ދުއްވި މީހާގެ ޑްރައިވިން ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.