މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާމްދަނީން ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ އައު ޝަރުތުތަކެއް ކަނޑައަޅައި، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ރޭޓުތަކަށް އިންކަމް ޓެކްސް ގަވާއިދަށް ގެނައި 6 ވަނަ އިސްލާހުގެ ދަށުން ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މި އިސްލާހުގެ ދަށުން ރަޖިސްޓްރޭޝަނަށް ގެނެވުނު އައު އުސޫލުތަކުގައިވާ ގޮތުން، އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ މީހަކު، އެއިން އެއްވެސް ފަރާތަކުން ރަޖިސްޓްރީ ކޮށްދީފައި ނުވާނަމަ، ސީދާ މީރާގައި އަމިއްލައަށް ރަޖިސްޓްރީ ވާންޖެހޭނެއެވެ. އަދި 12 މަސްދުވަހުގެ މުއްދަތަކަށް ބަލާއިރު މަހަކު އެވްރެޖްކޮށް 60،000 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރުދުން ވެސް މީރާގައި ރަޖިސްޓްރީ ވާންޖެހެއެވެ.
މުވައްޒަފުންގެ އާމްދަނީން ވިތުހޯލްޑިންގ ޓެކްސް ކަނޑައެޅުމަށް މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، މަހަކު 60،000 ރުފިޔާއާ ހަމައަށް ލިބޭ އާމްދަނީން އެއްވެސް ޓެކުހެއް ނުނަގާނެއެވެ. ނަމަވެސް 60،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީން 5.5 އިންސައްތަ، 100،000 ރުފިޔާއާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީން 8 އިންސައްތަ، 150،000 ރުފިޔާއާއި 200،000 ރުފިޔާއާ ދެމެދުގެ އާމްދަނީން 12 އިންސައްތަ އަދި 200،000 ރުފިޔާއިން މަތީގެ އާމްދަނީން 15 އިންސައްތައިގެ ރޭޓުން ޓެކްސް ކަނޑައަޅަންޖެހެއެވެ.

ޓެކްސް ރޭޓުތަކަށް ގެނައި ބަދަލުތަކުގެ އިތުރުން، ފަޅުރަށްރަށާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އުޅަނދުފަހަރުގެ ފަޅުވެރިންނަށް ވަޒީފާދޭ ފަރާތްތަކުން ހަމަޖައްސައިދޭ އެކޮމޮޑޭޝަންގެ މިންގަނޑުތަކެއް ވެސް މި ގަވާއިދަށް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން އެފަދަ ތަންތަނަކީ ދިރިއުޅެން އެކަށީގެންވާ ހާލަތެއްގައި ހުރި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ތަންތަންކަން ވަޒީފާދޭ ފަރާތްތަކުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން ކުންފުނިތަކާއި ޕާޓްނަޝިޕްތައް އުވާލުމުގެ އިޖުރާއާތުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ޕާޓްނަޝިޕެއް އުވާލުމުގެ މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި މީރާއަށް އަންގަންޖެހޭނެއެވެ. އަދި އަހަރަކު ލިބޭ އާމްދަނީ 500،000 ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ޕާޓްނަޝިޕްތަކުން ޓެކުހުގެ ޒިންމާތައް އަދާކޮށް ނިމެންދެން އެ ޕާޓްނަޝިޕެއްގެ ރަޖިސްޓްރޭޝަން ދެމެހެއްޓުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ.
ވިޔަފާރީގެ އެކައުންޓިންގއާއި ކެޕިޓަލް އެލަވަންސަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފައިނޭންސް ލީސްއާއި އޮޕަރޭޓިންގ ލީސް ވަކިކުރާނެ މިންގަނޑުތައް ވަނީ ކަނޑައަޅާފައެވެ. އަދި 2020 އިން 2026 އާ ދެމެދު ހޯދާފައިވާ މުދަލަށާއި 2027 އިން ފެށިގެން ހޯދާ މުދަލަށް ކެޕިޓަލް އެލަވަންސް ދިނުމުގައި ވެސް ވަކި އުސޫލުތަކެއް ވަނީ ހަމަޖައްސާފައެވެ.
އެކައުންޓިންގގެ އައު އުސޫލުތަކުގައިވާ ގޮތުން، ޖުމްލަ އާމްދަނީގެ 50 އިންސައްތައަށްވުރެ ބޮޑުބައެއް ބޭރު ފައިސާއިން ލިބޭ ވިޔަފާރިތަކުން، ޓެކުހުގެ ބޭނުމަށް ބޭނުންކުރާ ފައިސާ (ފަންކްޝަނަލް ކަރަންސީ) ގެ ގޮތުގައި އެ ބޭރު ފައިސާއެއް ކަނޑައަޅަންޖެހޭނެއެވެ. އަދި ބޭރު ފައިސާ މާރުކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިންގަނޑުތަކާ އެއްގޮތްވާ އެކްސްޗޭންޖް ރޭޓުތައް ބޭނުންކުރުން ލާޒިމުވެއެވެ. މީގެއިތުރުން އަހަރީ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުވާ ނުވަތަ މުދަލުގެ އަގު 30 މިލިއަން ރުފިޔާއަށްވުރެ މަތިވާ ވިޔަފާރިތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ހުށަހަޅަންޖެހޭނެއެވެ.
ސަރުކާރުގެ ގެޒެޓުގައި މި އިސްލާހުތައް ޝާއިއުކުރުމާއެކު މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. އަދި އަލަށް ކަނޑައެޅުނު މި މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކަށާއި ވަޒީފާދޭ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު