އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަނދަރުގެ ދަތިކަން ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް، އެ ރަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީން ބާރުސްޕީޑުގައި ކުރިއަށް އެބަގެންދެއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރަމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ދަނގެތީ ބަނދަރުގެ އެތެރެވަރީގެ އެއްގަމު ތޮށީގެ ބްލޮކް އަތުރައި ނިންމާލެވިފައިވާ ކަމަށެވެ. އަދި ބޭރު ތޮށީގެ ރިވެޓްމެންޓް ޖެހުމަށްޓަކައި އެނދު ތައްޔާރުކުރުމުގެ މަސައްކަތްތައް މިހާރު ހުއްޓުމެއްނެތި ކުރިއަށްދާކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ދަނގެތީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެތައް ތަކްލީފުތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ ބަނދަރުގެ ދަތިކަން ޙައްލުކުރުމުގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރު ފައްޓަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު ސާދަ ވަނަ ދުވަހުގެ ރޭ ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ ރައްޔިތުންގެ ހުށަހެޅުންތައް ވީވަރަކުން ފުރިހަމަކުރެވޭނެ ގޮތަށް ކަމަށެވެ. މީގެއިތުރުން މަސައްކަތް ފަށާ ހިސާބުން އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ 69,500 ކިއުބިކް މީޓަރުގެ ސަރަޙައްދަކާއި، ނެރުގެ 33,600 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ އިތުރުން ފަތާ ސަރަޙައްދުގެ 7,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 675 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 389 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.
އޭގެ އިތުރުން ކޮންކްރީޓް މަސައްކަތްތަކުގެ ތެރެއިން 35 މީޓަރު ދިގު، 6 މީޓަރު ފުޅާ ބްރިޖެއް އެޅުމާއި، 11 މީޓަރުގެ ރޭމްޕެއް ގާއިމުކުރުމުގެ އިތުރުން 3,052 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. ސަރުކާރުން 71.16 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ދަނގެތީގެ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.








ކިޔުންތެރިންގެ ހިޔާލު