ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެވިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ކުޅިވަރު ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އިފްތިތާހުކުރުމަށް ޔޫތު ހަބުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުޅިވަރުގެ ދާއިރާގައި ހިންގާ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޤާނޫނީ އިދާރާތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން 2024 ގައި އޭސީސީއާ ގުޅިގެން “ޕަޗަސް” ކެމްޕެއިން ފެއްޓެވުމާއި، އެސޯސިއޭޝަންތަކަށާއި ކްލަބުތަކަށް ދައުލަތުން ދޫކުރާ ފައިސާ ޚަރަދުކުރާ ގޮތް އޮޑިޓްކުރުމުގެ ނިޒާމު ހަރުދަނާ ކުރެވި، މާލީ މުޢާމަލާތްތައް ދެފުށް ފެންނަ ގޮތަށް ބެހެއްޓުމަށް ގައިޑްލައިންތަކެއް ތަޢާރަފުކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ދޭ މުސާރަ ބޮޑުކުރެވި އެއް ހަމައެއްގައި ދެވެން ފެށިފައިވާ ކަމަށާއި، ބައިނަލްއަގްވާމީ މުބާރާތްތަކުން ހޯދާ ކާމިޔާބީތަކަށް ދެވޭ އިނާމް ފައިސާގެ އުސޫލު ވެސް ރިވައިޒްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތައް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތަށް އިސްލާހުކުރެވި، ޤައުމީ ޓީމުތަކުގެ އެތުލީޓުންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސައި، މުބާރާތްތައް ބާއްވާ ތަންތަނުގައި މިނިމަމް މެޑިކަލް ރިކުއާމެންޓްތަކަށް އަމަލުކުރަން ފަށާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.









ކިޔުންތެރިންގެ ހިޔާލު