ޣައްޒާގެ ވެރިރަށް ގާޒާ ސިޓީގެ ބަނދަރުމަތީ ސަރަހައްދުގައި ހުރި ކެފޭއަކަށް އިސްތިއުމާރީ ޓެރަރިސްޓުން ދިން ވައިގެ އުދުވާނީ ހަމަލާއެއްގައި 6 މީހުން ޝަހީދުވެއްޖެއެވެ.

ޝަހީދުވި 6 މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް ފަލަސްތީނުން ބުނެއެވެ.

މި ހަމަލާގައި އިތުރު 10 މީހުން ޒަޚަމްވި ކަމަށް ޣައްޒާގެ އައް ޝިފާ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު

ހަމަލާ ދިން ވަގުތު ކެފޭގައި ގިނަ ބަޔަކު ތިބުމުން މުޅި ސަރަހައްދުވަނީ ލޭގެ ކޯރަކަށް ބަދަލުވެފައެވެ. ހަށިތައް ހުރީ އެކި ތަންތަނަށް ބުރައިގެން ގޮސްފައެވެ. ޝަހީދުވި މީހުންނާއި ޒަޚަމްވި މީހުންގެ ހަށިތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ގާޒާ ސިޓީގެ ބަނދަރު ސަރަހައްދުގައި ހުރި ކެފޭއަށް އިސްތިއުމާރީ ޓެރަރިސްޓުން ހަމަލާ ދީފައިވަނީ ޑްރޯން ބޭނުންކޮށްގެން މިސައިލުންނެވެ.

ހަމަލާދިން ކެފޭއަކީ ޣައްޒާގައި ގެދޮރު ހަލާކުވެ މަގުމަތިވެފައިވާ އާންމުން ދިރިއުޅޭ ޓެންޓު އަވަށަކާ ކައިރީގައި ހުންނަ ކެފޭއެކެވެ.

އެ ކެފޭއަށް އުދުވާނީ ހަމަލާ ދިނުމަށްފަހު އިސްތިއުމާރީ ޓެރަރިސްޓުން ބުނެފައިވަނީ، ހަމަލާ ދިނީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ކަމަށެވެ.

އެކަމަކު، ޝަހީދުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މިފަދަ ކޮންމެ ލޭއޮހޮރުވުމެއް ހިންގުމަށްފަހު ޓެރަރިސްޓުން ބުނަނީ އެއީ ހަމާސްއަށް ދިން ހަމަލާއެއް ކަމަށެވެ. އިސްތިއުމާރީ ދައުލަތުން ދައްކާ އެފަދަ ހުރިހާ ވާހަކައެއް ގަބޫލުކުރަނީ ހަމައެކަނި އެމެރިކާއާއި، ޒަޔަނިސްޓުންނަށް ވާގިދޭ  ހުޅަނގުންނެވެ.