ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން އިންތިޒާމުކޮށްގެން، ސައިބަރ ކުށްތަކާ ގުޅިގެން އެންމެ ފުރަތަމަ ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ “ފަސްޓް ރެސްޕޮންޑަރސް ފޮލޮވިންގ އަ ސައިބަރ ކްރައިމް” މަސައްކަތު ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 އޮގަސްޓް 17 ވަނަ ދުވަހުއެވެ. މިއީ ޑިޖިޓަލް ހެކި ރައްކާތެރިކުރުމާއި، ސައިބަރ ކުށްތަކާ ގުޅިގެން އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ފުލުހުންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ 43 އޮފިސަރަކު ބައިވެރިކޮށްގެން ހިންގުނު ޕްރޮގްރާމެކެވެ.
މި ތަމްރީނު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑް އޮފް ސައިބަރ ކްރައިމް އެންޑް ސައިބަރ ސެކިއުރިޓީ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ސަމީހެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސް.ޕީ މުޙައްމަދު ސަމީހު ވަނީ، ސައިބަރ ކުށުގެ މާހައުލު ރައްކާތެރިކުރުމުގައާއި، ހެކިތަކުގެ ‘ޗެއިން އޮފް ކަސްޓަޑީ’ ދެމެހެއްޓުމުގައި އަދި ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ހަރަކާތްތެރިވާ އޮފިސަރުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

މީގެ އިތުރުން، ޑިޖިޓަލް ނުރައްކާތައް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، ޑިޖިޓަލް ހެކިތައް އެއްވެސް އުނިކަމެއް ނެތި ޝަރީއަތަށް ހުށަހެޅޭ ފަދަ ގޮތަކަށް ރައްކާތެރިކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާ އޮފިސަރުންގެ ދައުރު ދުވަހުން ދުވަހަށް ބޮޑުވަމުންދާކަން ވެސް އެސް.ޕީ ސަމީހު ފާހަގަކުރެއްވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް ކިޔަވައިދީފައިވަނީ ސައިބަރ ކުށުގެ މާހައުލުތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކާއި، ގެއްލިދާނެ ފަދަ ޑިޖިޓަލް ހެކިތައް ވަގުތުން ދެނެގަނެ ރައްކާތެރިކުރާނެ އުސޫލުތަކެވެ. ހަމައެއާއެކު، ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ބައިވެރިންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.








ކިޔުންތެރިންގެ ހިޔާލު