ޓެކްނޮލޮޖީގެ އެހީގައި ޒުވާނުން ދުނިޔެއާ ގުޅުވައިދީ، ޚިޔާލުތަކާއި ހައްލުތައް ބައިނަލްއަގުވާމީ ފެންވަރުގައި ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިވެފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓު ލޭޑީ މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ތެވެލި މަހާސިންތާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ތެވެލި ކޮންފަރެންސަކީ މިހާރު ހަމައެކަނި އިލްމީ ބައްދަލުވުމެއް ނޫންކަމަށެވެ. މިއީ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އެއްވެ، އައު ޚިޔާލުތަކާއި ތަޖުރިބާތައް ހިއްސާކޮށް، ކުރެވިދާނެ ކަންކަމާ މެދު ހަމައެކަނި ތަސައްވުރު ކުރުމުގެ ބަދަލުގައި އެކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާ މުހިންމު މާހައުލެއްކަމަށެވެ. ސާޖިދާ ވިދާޅުވީ މިއަހަރުގެ ކޮންފަރެންސްގެ ޝިއާރު ކަމަށްވާ “ޓްރާންސްފޮމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ”އަކީ ނުހަނު މުހިންމު މައުޟޫއެއްކަަމަށެވެ.

ޓެކްނޮލޮޖީގެ ސަބަބުން އުނގެނުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، މުއާމަލާތްކުރުމުގެ ދާއިރާއަށް އައިސްފައިވަ ބަދަލުތަކުގެ އިތުރުން ދުނިޔެއާ މެދު ދެކޭގޮތްވެސް ދަނީ ބަދަލުވަމުންކަމަށް ވިދާޅުވިއެވެ. އާޓިފިޝަލް އިންޓެލިޖެންސްއާއި، ބަޔޯޓެކްނޮލޮޖީ އަދި ޑިޖިޓަލް ޓެކްނޮލޮޖީ ފަދަ ކުރިއެރުންތަކުން، މީގެ ދިހަވަރަކަށް އަހަރު ކުރިން ހީވެސް ނުކުރާ ފަދަ ފުރުސަތުތައް މިއަދު ވަނީ ފަހިވެފައިކަމަށް އެކަމަނާ ވިދާޅުވިއެވެ. ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ އީޖާދީ މަސައްކަތްތަކުގެ އަސްލު މާނައެއް އޮންނާނީ، އެކަމުގެ ސަބަބުން ކުޑަކުދިންގެ ތައުލީމު ކުރިއަރައި، ޞިއްޙީ ޚިދުމަތް ފުޅާވެ، ޒުވާނުންނަށް ފުރުސަތުތައް އިތުރުވެ، އިޖުތިމާއީ ގުޅުންތައް ބަދަހިވެ، ތިމާވެށި ހިމާޔަތްކުރެވި، އަދި އާންމު އާއިލާތަކުގެ ދިރިއުޅުމަށް ލުއިފަސޭހަކަން ލިބުމުންކަމަށެވެ.
ނުވަތަ އީޖާދީ މަސައްކަތެއް އެންމެ މާނަހުރި އެއްޗަކަށް ވަނީ، އެކަމުން ރައްޔިތުންނަށް ޚިދުމަތްކުރެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އަދި ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދޭ ނަމަކަމަށްވެސް ފަސްޓު ލޭޑީ ސާޖިދާ ވިދާޅުވިއެވެ. މިއީ ވަކިން ޚާއްސަކޮށް، ދިވެހިރާއްޖެ ފަދަ ގައުމަކަށް ނުހަނު ބޭނުންތެރި ކަމެކެއްކަމަށާއި ރާއްޖޭގެ ޖިއޮގްރަފީން އަބަދުވެސް ދަސްކޮށްދެނީ ގޮންޖެހުންތައް ފުރުސަތުތަކަށް ބަދަލުކުރުންކަަމަށް ފާހަގަކުރެއްވިއެވެ.
ރާއްޖެއަަކީ ޖަޒީރާ ގައުމަކަށް ވެފައި، ރަށްތައް ކަނޑުގެ ސަރަހައްދުތަކުން ވަކިވެފައި އޮތް ނަމަވެސް، އެ ދުރުމިނަކީ ގުޅުން ބަދަހިކުރުމަށް އޮތް ހުރަހަކަށް ނުވާކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ޓެކްނޮލޮޖީގެ އެހީގައި އެ ދުރުމިން ކުޑަކޮށް، ރަށްރަށަށް އިލްމު ފޯރުކޮށްދީ، ޒުވާނުން ދުނިޔެއާ ގުޅުވައިދީ، އިޤްތިޞާދީ އައު ފުރުސަތުތައް ހުޅުވައިދީ، ދިވެހިންގެ ޚިޔާލުތަކާއި ހައްލުތައް ބައިނަލްއަގުވާމީ ފެންވަރުގައި ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިވެފައިކަމަށެވެ.
“ޓެކްނޮލޮޖީގެ ސަބަބުން އެއްވެސް މީހަކު ބާކީވެގެން ނުވާނެ. އަޅުގަނޑުމެން މި ފަށާ އައު ދައުރުގައި އީޖާދީ މަސައްކަތްތަކަކީ އެންމެން ހިމެނޭ، އަޚުލާގީ މިންގަނޑުތަކަށް ފެތޭ، އަދި އިންސާނީ ގާތްކަމުގެ މައްޗަށް ބިނާވެފައިވާ ކަންކަންކަން އަޅުގަނޑުމެން ކަށަވަރުކުރަންޖެހެޭ. އާޓިފިޝަލް އިންޓެލިޖެންސާއި އައު ޓެކްނޮލޮޖީތަކުގެ ސަބަބުން ތައުލީމާއި، ސިއްހީ ޚިދުމަތާއި، އާންމު ޚިދުމަތްތަކުގެ އިތުރުން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެނެވިދާނެ” ފަސްޓު ލޭޑީ ސާޖިދާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ޒުވާނުންނަކީ މުސްތަޤްބަލް ބިނާ ކުރާބައެއްކަން ފާހަގަކުރައްވާ، ޒުވާނުންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އައު އީޖާދުތައް ތައާރަފްކޮށް، ދިރާސާވެރި، މައްސަލަތަކަށް ޙައްލު ހޯދާ އަދި ވިޔަފާރީގެ ދާއިރާއިން ކުރިއަރާފައިވާ ބައެއްގެ ގޮތުގައި ދެކުމަށް ވަނީ އެދިވަޑައިގެންފައެވެ. އުނދަގޫ ސުވާލުތައް ކުރިމަތިކޮށް، އެކަންކަމަށް އެންމެ އެދެވޭ ޖަވާބުތައް ހޯދުމަށް ފަސްނުޖެހޭ ބަޔަކަށް ވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ޒުވާނުންނަށް ގޮވާލައްވާފައެވެ.








ކިޔުންތެރިންގެ ހިޔާލު