ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި ގުޅޭގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ ސިޔާސީ މަގާމުތަކަކީ ގާނޫނޫއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފައްދާ ވަޒީފާތަކެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވާފައިވާ ކަމަށާއި، ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ.
“މިނިސްޓަރ ވިދާޅުވީ އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވަނީ، އެކަންކަން ކުރިއަށްދޭ” މިނިސްޓަރ ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ފަރުވާ ކުޑަކޮށް މަސައްކަތްކުރާ މުވައްޒަފުން މަގާމުން ވަކިކުރެވޭނެ ނިޒާމެއް ސަރުކާރުން އެކުލަވައިލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ 3 މެއި 2025 ގައެވެ.
މި ސަރުކާރުގައި މުޅިން އަލަށް ސިޔާސީ މުވައްޒަފުންގެ މަސައްކަތް ވަޒަންކޮށް އެޕްރައިޒަލް ހެދުމުގެ ޕްރޮސެސްއެއް ފަށާފައިވާ ކަމަށެވެ. ކޮންމެ ތިން މަހަކުން ސިޔާސީ މުވައްޒަފުންގެ މަސައްކަތް ވަޒަންކުރުމަށްފަހު މަސައްކަތުގައި ފަރުވާކުޑަކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ފިޔަވަޅުއެޅިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިޔާސީ މުވައްޒަފުން މަދުކުރުމަށް އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާކަމަށާއި ދެން އޮންނާނީ ފިޔަވަޅު އެޅުމުގެ މަރުހަލާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.








ކިޔުންތެރިންގެ ހިޔާލު