މާލޭގެ ބޮޑުތަކުރުފާނުމަގުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ތިން ޕަމްޕު ސްޓޭޝަންގެ ތެރެއިން އެމްއެމްއޭ ކައިރީގައި ގާއިމުކުރި ޕަމްޕު ސްޓޭޝަން ކާމިޔާބުކަމާއެކު ޓެސްޓުކުރުމަށްފަހު މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި ބަދަލާއެކު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޤާއިމުކުރި މަސްވެރިންގެ ޕާކު އަދި އެމްއެމްއޭ ސަރަހައްދުގެ ޕަމްޕު ސްޓޭޝަންތައް ޓެސްޓުކޮށް، މިހާރު ވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މި ޕަމްޕު ސްޓޭޝަންތަކުގެ ސަބަބުން ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އެ ސަރަހައްދުގެ ފެން ހިންދުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްޤީ ކުރި ސަރަޙައްދު ޑިޒައިން ކޮށްފައިވަނީ ސްޓޯމްވޯޓަރ ޑްރެއިނޭޖު ސިސްޓަމް ހިމެނޭ ގޮތަށެވެ. އެމްޓީސީސީން އެ މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު އާންމު ޓްރެފިކަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ހުޅުވާލިއިރު، ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިމިފައެއް ނުވެއެވެ. ނަމަވެސް ވާރޭވެހުމުން ފެންބޮޑުވިޔަ ނުދިނުމަށް އެ ކުންފުނިން ވަނީ މެނުއަލްކޮށް ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢުތަކެކެވެ. ސަރުކާރުން ބުނާ ގޮތުގައި މި މަސައްކަތްތައް އެއްކޮށް ނިމުމުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
އެމްޓީސީސީގެ އަމާޒަކީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމެވެ. އެ މަސައްކަތް ނިމުމުން މާލޭގެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމިގެންދާނެއެވެ.








ކިޔުންތެރިންގެ ހިޔާލު