ހ. ޝީރީންވިލާގައި ދެހާސް ބާވީސް ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ފުވައްމުލަކު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލައިފިއެވެ.
މި މައްސަލައިގައި ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާއިރު، އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރު މަޖިލީހެއްގައެވެ. އޭގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތާއި ތަފުސީލުތައްވެސް އޮތީ ސިއްރުކޮށްފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމުގެ ގޮތުން އެންމެ ފަހުން އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ދެން އޮންނާނީ މި މައްސަލައިގައި ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއި، ކުށް ސާބިތުވާނަމަ އަދަބު ކަނޑައެޅުމުގެ ބައެވެ.

ޝާހިލް ހައްޔަރުކުރީ ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ކުށުގެ ވެށިންނެވެ. ފުލުހުންގެ ތަހުގީގާއި ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި، ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ އޭނާ މަރާލުމަށްފަހުވެސް ހަށިގަނޑަށް ދީފައިވާ ބޮޑެތި އަނިޔާތަކުގެ ސަބަބުންނެވެ.
ތަހުގީގަށާއި ޝަރީއަތަށް ޝާހިލްގެ ފަރާތުން އެއްބާރުލުން ނުލިބޭއިރު، ވަކީލުންނާވެސް ވާހަކަ ނުދައްކާތީ ފަހުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ވަކީލަކާ ނުލައެވެ. އޭނާ މިހާރުވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.








ކިޔުންތެރިންގެ ހިޔާލު